ޚަބަރު

އުޞޫލުތަކާ ޚިލާފަށް ކްރިމިނަލް ކޯޓު ހިންގަން ޙަވާލުކުރިކަމަށްބުނާ ވާހަކަ ޖޭއެސްސީން ދޮގުކޮށްފި


ކޯޓެއްގެ އިސްފަނޑިޔާރުކަން ދާއިމަށް ހުސްވާ ޙާލަތުގައި ވަގުތީ ގޮތުން މީހަކާ އެމަސްޢޫލިއްޔަތު ޙަވާލު ކުރުމުގައި ޢަމަލުކުރަނީ ފަނޑިޔާރުންގެ ޤާނޫނުގައި ވާގޮތުގެމަތިން އިސްފަނޑިޔާރުކަމަށް އެންމެ އެކަށޭނަ ފަރާތެއް، ކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައިގެންކަމަށް ޖުޑީޝަލް ސަރވިސްކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން ޙަވާލުކޮށްފައިވަނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، މީޑިއާގައި ބައެއް ފަރާތްތަކުން، ދައްކަމުންދަނީ ހަޤީގަތާ ޚިލާފު ވާހަކަތަކަތަކެއްކަން ހާމަކުރައްވައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނެރުއްވި ނޫސްބަޔާނެެއްގައި ވިދާޅުވީ ހައިކޯޓުގެ އިސްފަނޑިޔާރުކަން ހަމަޖެއްސުމާއި، ސުޕީރިއަރ ކޯޓުތަކުގެ އިސް ޤާޟީން ހަމަޖެއްސުމާއި، ޖުޑީޝަލް ދާއިރާތަކުގެ
އިސް މެޖިސްޓްރޭޓުން ހަމަޖެއްސުމަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާއި ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ޖޭއެސްސީގެ ޒިންމާއެެއްކަމަށެވެ.

ޖޭއެސްސީން ވިދާޅުވީ ކޯޓުގެ އިސްފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ޙާލަތުގައި އާއި އިސްފަނޑިޔާރުކަން ދާއިމަށް ހުސްވާ ޙާލަތުގައި ވަގުތީ ގޮތުން މީހަކާ އެމަސްޢޫލިއްޔަތު ޙަވާލު ކުރުމުގައި މި ކޮމިޝަނުން ޢަމަލުކުރަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށްކަމަށެވެ.

އެގޮތުން ޖޭއެސްސީން ވަގުތީ ގޮތުން ކޯޓުގެ ހިނގުން އެހެން ފަނޑިޔާރަކާ ހަވާލުކުރަމުންދަނީ، ކޯޓުގައި ނުވަތަ ދާއިރާގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ ވަނަވަރާއި، ރެކޯޑު ފައިލްގައި ހުރި ލިޔެކިޔުންތަކަށް ބެލުމަށްފަހު، އެ ކޯޓެއްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން ތަޢުލީމާއި، ތަޖުރިބާއާއި، އަޚްލާޤާއި ޤާބިލުކަމަށް ބަލައި، އިސްފަނޑިޔާރު ކަމަށް އެންމެ އެކަށޭނަ ފަރާތެއް، ޖުޑީޝަލް ސަރވިސްކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައިގެންކަމަށްވެސް އެކޮމިޝަނުން ނެރުއްވި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޖޭއެސްސީން ވަނީ އެކިއެކި ސުލޫކީ މައްސަލަތައް ސާބިތުވެގެން ފަނޑިޔާރުކަމުން ވަކިކުރުމަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ލަފާދިނުމުން، ފަނޑިޔާރަކަމުގެ މަޤާމުން އިސްތިޢުފާ ދިނުމަށް ފަހު، ޖޭއެސްސީން ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމަށްޓަކައި ކުރާ މަސައްކަތާ ބެހޭ ގޮތުން އާއްމުންނަށް އޮޅުވާލުމަށް ޒިންމާދާރުކަން ކުޑަގޮތަކަށް ދައްކާވާހަކަތައް ކުށްވެރިކުރާކަމަށެވެ.

ޖޭއެސްސީގެ ބަޔާނުގައި ކޯޓު ހިންގުމާ ހަވާލުވެ ހުންނަ ފަނޑިޔާރަކު ޗުއްޓީއަށް ދާނަމަ އެކޯޓުގެ ހިންގުން އެހެން ފަނޑިޔާރަކާ ޙަވާލުކުރުމުގައި ޢަމަލުކުރާނެ އުޞޫލު 28 އޮކްޓޫބަރ 2010 ގައި އެ ކޮމިޝަނުންވަނީ ގެޒެޓްކޮށްފައިކަމަށެވެ. އެ އުޞޫލުގައި ކޯޓެއް ވަގުތީ ގޮތުން ހިންގުން ޙަވާލުކުރަންވާނީ އެ ކޯޓެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން އެތަނެއްގައި ޚިދުމަތުގައި އެންމެ ގިނަދުންވަސްވީ ފަނޑިޔާރުންގެ ތަރުތީބުންކަމުގައި ބަޔާންކޮށްފައިވާއިރު، ކޯޓުގެ އިސްފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ ޙާލަތުގައި އެ ތަރުތީބަށް ޢަމަލުކުރުން އެ އުޞޫލު އިސްތިސްނާކޮށްފައިވާކަން ޖޭއެސްސީންވަނީ ފާހަގަކުރައްވާފައެވެ.

ޖޭއެސްސީންވަނީ އެކޮމިޝަނުގެ މަސްޢޫލިއްޔަތު އަބަދުވެސް އަދާކުރަމުން ދާނީ ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމުގެ ޔަޤީންކަން އެންމެހައި ފަރާތްތަކަށް އަރުވާކަމަށް ވިދާޅުވެފައެވެ.