ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ އާމްދަނީ މިދިޔަ މާރިޗު މަހާއި އަޅާބަލާއިރު 50 އިންސައްތަ ދަށަށް ގޮސްފައި ވާކަމަށާއި، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ބޮޑެތި ދަތިތަކެއް އެބަހުރިކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ވެމްކޯއިން ދަނީ ކޯވިޑް-19ގެ މި ދަތި ދަނޑިވަޅުގައިވެސް ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މެދުކެނޑުމެއް ނެތި ހަރަކާތްތެރިވަމުންނެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯގެ މަސައްކަތުގެ މަޢުލޫމާތު ނޫސްވެރިންނާއި ހިއްސާކުރައްވަމުން އެކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ، ގިނަ އަދަދަކަށް ދިވެހި މުވައްޒަފުން މަސައްކަތް ކުރަމުންދާ އެކުންފުންޏަށް މާލީގޮތުން ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. ކޯވިޑް-19ގެ މި ޙާލަތުގައި ކުނިނެގުމަށް ރަޖިސްޓަރ ނުކުރިޔަސް ކުނިނަގައިދޭއިރު، މި ގޮތައް އިންތިޒާމުތައް ހަމަޖެއްސުމުން ވެމްކޯގެ ބައެއް ކަސްޓަމަރުން ބިލް ކެންސަލް ކުރަމުންދާކަމަށެވެ. މީގެއިތުރުން މި ދަނޑިވަޅުގައި ވެމްކޯގެ ގިނަ ކަސްޓަމަރުން ބިލަށް ފައިސާ ނުދެއްކުމުގެ ސަބަބުން ވެމްކޯގެ އާމްދަނީ މިދިޔަ މާޗް މަހާއި އަޅާބަލާއިރު 50 އިންސައްތަ ދަށަށް ގޮސްފައިވާކަމަށް އާދަމް މުޙައްމަދު ވިދާޅުވިއެވެ.
"ބިލް ކެންސަލްކުރީމަ ދެން ފައިސާ ދައްކާކަށް ނުޖެހޭނެ. މިގޮތައް ކަސްޓަމަރުން އަމަލުކުރަމުންދާކަން ފާހަގަކުރެވޭ. މިކަމުގެ ސަބަބުން މާލީ ބޮޑެތި ދަތިތަކެއް ދިމާވޭ. އަޅުގަނޑުމެން މި ނަގަނީ މާބޮޑު އަގެއް ނޫން އެހެންނޫންތޯ. މިގޮތަށް ކަންތައް ކުރީމަ ބޮޑެތި ދަތިތަކެއް ކުރިމަތިވޭ" އާދަމް މުޙައްމަދު ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވެމްކޯގެ ހައުސް ހޯލްޑް އޮަޕަރޭޝަންސް މެނޭޖަރ މުހައްމަދު ޝާން ވިދާޅުވީ، ކޯވިޑް-19ގެ ހާލަތުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމަށްފަހު ވެމްކޯއިން ކުނިނެގުމަށް ދީފައިވާ އިރުޝާދާއި ޚިލާފަށް ކަސްޓަމަރުން އަމަލުކުރަމުންދާކަން ފާހަގަކުރެވޭކަމަށެވެ. އެގޮތުން ހައުސް ހޯލްޑް ކަލެކްޝަނަށް ކަނޑައަޅާފައިވާ ގަޑި ފިޔަވާ އެހެން ގަޑިތަކުގައި ކުނި ނެރެމުންދާކަމަށެވެ. އަދި ކުނި ޑަބަލް ޕެކް ނުކޮށް ހުރުމާއި ބޮޑެތި ކުނި ހައުސްހޯލްޑް ކުންޏާއި އެއްކޮށްފައި ހުންނަކަމަށް ޝާން ވިދާޅުވިއެވެ. އަދި މީގެ އިތުރުން މަގުގެ އެކި ތަންތަނުގައި ކުނިއެއްކޮށްފައި ހުރުމުން މަގުމަތި ގޮނޑުވެ ވެށިފާރަވެރިންނަށް އުނދަގޫވާކަމަށް އޭނާ ވިދާޅުވިއެވެ.
"މިސާލަކަށް ބަލާލާނަމަ ޖަލާލުއްދީން މިސްކިތްކައިރި. މިތަނުގައި ބައިވަރު ކުނި ހުރޭ. އަޅުގަނޑުމެންގެ ވެށިފާރަވެރިންނެއް ނޫން އިނގޭތޯ މިކަން ކުރަނީ. ހަމަ އާންމުން. ވަކި ގަޑިއެއް ކަނޑައަޅާފައި މިހުންނަނީ ކުނި ނެރެން. އެކަމު އާންމު ރޭގަނޑުވެސް ދަންވަރުވެސް ކުނި ނެރޭކަން ފާހަގަކުރެވޭ" މުހައްމަދު ޝާން ވިދާޅުވިއެވެ.
ކޯވިޑް-19ގެ ސަބަބުން އެޅި ފިޔަވަޅުތަކާއެކު ވެމްކޯގެ ވެށިފާރަވެރިން ކުނި ބަލާ އިމާރާތްތަކަކަށް ނާރައެވެ. އެގޮތުން ގޭބިސީތަކުގެ ކުނިނެގުމަށް ކޮންމެ ދުވަހެއްގެވެސް މެދުރު 12:00އިން 14:00އަށް ވަނީ ކަނޑައަޅާފައެވެ. އަދި ވިޔަފާރިތަކައި ކެފޭ ރެސްޓޯރެންޓްތަކުން ކުނި ނެގުމަށް ކޮންމެ ދުވަހަކުވެސް ހެނދުނު 09:00އިން 12:00 އަށް އަދި ރޭގަނޑު 07:00އިން ރޭގަނޑު 09:30 ވެށިފާރަވެރިން މަސައްކަތް ކުރަމުން ގެންދެއެވެ.