ކޯވިޑް-19

"ކޯވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭންގެ ލަވަ ލޯންޗްކޮށްފި


ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޯވިޑް ހުއްޓުވާނީ އަހަރެން" ޤައުމީ ކެމްޕޭނުގެ ލަވަ މިއަދު ލޯންޗް ކޮށްފިއެވެ.

އެކަމަށްޓަކާ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ކޯވިޑް ހުއްޓުވާނީ އަހަރެން"ގެ ލަވަ ރަސްމީކޮށް ލޯންޗްކޮށްދެއްވީ ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޙާލިދެވެ.

"ލެޔާ ކަރުނައިން" މި ނަމުގައި ތައްޔާރުކޮށްފައިވާ 11 ކަޑި ހިމެނޭ މި ލަވައިގައި ރާއްޖޭގެ ކޯވިޑްގެ ހާލަތާއި، ބަލީގެ ނުރައްކަލާއި، އާއިލާތައް ތަހައްމަލު ކުރަމުންދާ ވޭނާއި، ކެކުޅުން ގެނެސްދީފައިވެއެވެ. އަދި ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ހީނަރުކަމާއި، ކޯވިޑްގެ މިހާލަތުގައި ޞިއްޙީ އެހީތެރިން ވަމުންދާ ގުރުބާނީއާއި، އެކިއެކި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާއި "ޤައުމުގެ އިހުސާސް" ވަރަށް ފުރިހަމައަށް ގެނެސްދީފައިވާނެކަމަށް މި ކެމްޕޭންގެ ސްޓިއަރިންގ ކޮމިޓީން ވިދާޅުވެފައިވެއެވެ.

މުހައްމަދު އާމިރު އަހުމަދު (ފަރެސް އާމިރު) ހައްދަވާފައިވާ މި ލަވަ، ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) އެވެ. ލަވައިގެ މިއުޒިކު ހައްދަވާފައި ވަނީ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އެވެ.

ކޯވިޑް19 އަށް އާއްމުން ހޭލުންތެރިކުރުމަށް ރާއްޖޭގެ މީޑިއާތައް ގުޅިގެން ޚާއްޞަ ކެމްޕެއިނެއް ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. "ކޯވިޑް ހުއްޓުވާނީ އަހަރެން"ގެ ނަމުގައި މީޑިއާތަކުން ފެށި މި ކެމްޕެއިނަކީ އާއްމުން ބައްޔަށް ހޭލުންތެރިކުރުމަށް ބޭނުންވާ މަޢުލޫމާތު ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ފެށި ކެމްޕެއިނެކެވެ.

މި ކެމްޕެއިންގައި ރާއްޖޭގައި ހިންގަމުންދާ ޓީވީ ޗެނަލްތަކާއި، ރޭޑިއޯއާއި، އޮންލައިން ނޫސްތަށް ހިމެނޭހެން 20 އަށްވުރެ ގިނަ މީޑިއާއިން ވަނީ ބައިވެރިވެފައެވެ. މީޑިއާތަކުގެ އަމިއްލަ އިސްނެގުމަށް ކުރިއަށްގެންދާ މި ކެމްޕެއިންގައި އެޗްޕީއޭގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމަށް ކެމްޕެއިންގެ ސްޓިއަރިންގ ކޮމިޓީންވަނީ ވިދާޅުވެފައެވެ.

މިއީ މިހާ ގިނަ މީޑިއާތަށް ގުޅިގެން މިހާ ބޮޑުކޮށް ރާއްޖޭގައި ފެށި ފުރަތަމަ ކެމްޕެއިންއެވެ. އަދި މި ކެމްޕެއިނަކީ ވަކި މުއްދަތެއް ނެތްގޮތަށް ކުރިއަށްގެންދާ ކެމްޕެއިނެއްކަމަށް ސްޓިއަރިންގ ކޮމިޓީންވަނީ ބުނެފައެވެ.