ކޯވިޑް-19

ކޯވިޑް-19 : މިއަދު ބަލިޖެހުނީ 93 މީހުންނަށް، ރަނގަޅުވީ 131 މީހުން


އިތުރު 93 މީހަކަށް ބަލިޖެހި، ރާއްޖޭން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 8834 އަށް އަރައިފިއެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް 93 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 86 މީހަކާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 4 މީހަކާއި، ރިސޯޓުތަކުން ޕޮޒިޓިވްވި 3 މީހެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 93 މީހުންގެ ތެރެއިން 67 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަންގްލަދޭޝްގެ 12 މީހަކާއި، އިންޑިއާގެ 13 މީހަކާއި، ޔޫ.އޭ.އީގެ އެކަކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8834 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 131 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 6288 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 24 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 31 މީހަކު ރާއްޖޭގައި ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2509 އަށް އަރާފައިވާއިރު، 1034 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 127 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

މިހާރު ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދާ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އައި.ސީ.ޔޫގައި 2 މީހަކަށް ފަރުވާ ދެމުންދާއިރު، މި 2 މީހުންވެސް އޮތީ ވެންޓިލޭޓަރުގައެވެ. އަދި ދަރުވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 4 މީހަކަށް އަދި 20 ވަނަ ފަންގިފިލާގައި އެކަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. އަދި ޕްރައިވެޓް ވޯޑުގައި 2 މީހަކު އަންނަނީ ފަރުވާ ހޯދަމުންނެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 111 މީހުން ފަރުވާ ހޯދަމުންދާއިރު، އޭގެ ތެރެއިން 104 މީހަކަށް ފަރުވާ ދެމުންދަނީ ވޯޑުގައެވެ. އަދި 5 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، މީގެ ތެރެއިން 2 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ.

އަތޮޅުތަކުގެ ރީޖަނަލް ކޯވިޑް ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ބަލާއިރު، ބ. އޭދަފުށީ ކޯވިޑް ފެސިލިޓީގައި އެކަކަށާއި، ގއ. ވިލިނގިލި ކޯވިޑް ފެސިލިޓީގައި 4 މީހަކަށް އަދި ލ. ގަން ކޯވިޑް ފެސިލިޓީގައި 2 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މި އެންމެންނަށްވެސް ފަރުވާ ދެމުންދަނީ ވޯޑުގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1494 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 124،966 އެވެ.

އެޗްއީއޯސީން ވިދާޅުވީ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 25 ރަށަކުންނާއި، 21 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 17 ފަތުރުވެރިއަކާއި، 48 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި 84 ދިވެއްސަކަށާއި، 7 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއާއި، ގދ. މަޑަވެލި އެކަންޏެވެ.