ތިމާވެށި

އައި.އެން.ޑީ.ސީއަށް ހުށަހަޅާ ކަންކަމާބެހޭ މަޝްވަރާ ފަށައިފި


2020ގެ ފަހުން
އަމަލުކުރާނެ މޫސުމާބެހޭ މުއާހަދާއަށް ރާއްޖެއިން ހުށަހަޅާ ކަންތައްތަކާއި ބެހޭ
މަޝްވަރާ ބައްދަލުވުމެއް ފަށައިފިއެވެ.



ސްޓެލްކޯގައި
ކުރިއަށްދާ މި ބައްދަލުވުން އިފްތިތާޙްކޮށްދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯ
އެންވަޔަރަމަންޓް އެންޑް އެނާރޖީ އަބުދުﷲ މަޖީދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު
ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާބެހޭ އާ މުއާހަދާއަށް ހުށަހަޅާ އެކްޝަން ޕްލޭން މިހާތަނަށް 59 ޤައުމަކުން
ހުށަހަޅާފައިވާކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން ހުށަހަޅާނީ ދެހާސް ވިހި ވަނަ އަހަރުން
ފެށިގެން ދެހާސް ތިރީސް ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން މި މި މަސައްކަތުގައި
ކުރަން ރާވާފައިވާ ކަންތައްތަކުގެ މަގުޗާޓެއް ކަމަށާއި ، އަދި އެ މަސައްކަތްކޮށްފައިވަނީ
ގިނަ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާހޯދައިގެން ކަމަށް ވެސް  ވިދާޅުވިއެވެ.



މީގެ އިތުރުން
މަޖީދުގެ ވާހަކަފުޅުގައި ރާއްޖެއާއި އަދި ރާއްޖޭގެ ރިޔާސަތުގެ ދަށުން އެއޯސިސްގެ
މެމްބަރ ޤައުމުތަކުންވެސް، ރާއްޖެއަކީ ކިތަންމެ ވަޞީލަތް މަދު ޤައުމެއް ނަމަވެސް
ކުދި ޖަޒީރާ ޤައުމުތަކުން މި މައްސަލައަށް ދޭ އަހަންމިއްޔަތުކަން ދުނިޔެއަށް
ހާމަކުރަން ބޭނުންވާކަމަށް ވިދާޅުވިއެވެ.



" މިކަމުގައި
ވެވެން އޮތް އެންމެމަތީ މިންވަރަކަށް އެހީވާން އަޅުގަނޑުމެން ރާއްޖެއިން މިތިބީ
ތައްޔާރަށް" މަޖީދު ވިދާޅުވިއެވެ.



ރާއްޖޭގެ ފަރާތުން
ތައްޔާރުކޯށްފައިވާ އައި.އެން.ޑީ.ސީ ، ނުވަތަ އިންޓެންޑް ނޭޝަނަލީ ޑިޓަރމައިންޑް
ކޮންޓްރިބިއުޝަން ގައި މޫސުމަށް އަންނަ ބަދަލުތައް މެދުވެރިކުރުވާ ވިހަ ގޭސްތައް
މަދުކުރުން ނުވަތަ މިޓިގޭޝަނަށް ޚާއްޞަކުރެވޭ ފިޔަވަޅުތަކާއި މިކަމުން ލިބޭނެ
ގެއްލުންތައް ކުޑަކުރުމަށް އަޅާނެ އޭޑަޕްޓޭޝަން ފިޔަވަޅުތައް ހިމެނެއެވެ.



2020 ވަނަ
އަހަރަށް ފަހު ޢަމަކުކުރުމަށް މިހާރު އެކަލަވާލެވެމުންދާ އދ ގެ މޫސުމަށް އަންނަ
ބަދަލުތަކާއި ބެހޭ އައު މުއާހަދާގެ ދަށުން ރާއްޖެއިން ކުުރުމަށް ހުށަހަޅާ
ކަންތައްތަކުގެ އެކްޝަން ޕްލޭނާބެހޭ މި ބައްދަލުވުމުގައި ސަރުކާރުގެ އެކި
އިދާރާތަކުން ތިރީސް މަންދޫބުން ބައިވެރިވެފައިވެއެވެ.