ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ މިއަދު މުޅި ދުނިޔެ މިވަނީ ބިރުވެރިކަމާއި ހާސްކަމުގެ ތެރެއަށް ވެއްޓިފައެވެ. އެއް އިރެއްގައި ސީނުކަރައަށް އެކަނި ނުރައްކާ އޮތް ބައްޔެކޭ ބުނެ ހާސްކަނޑާލައިގެން ތިބި ގިނަ ޤައުމުތަކެއް މިއަދު މިދަނީ މި ފަރުވާކުޑަކަމުގެ ހިތި ނަތީޖާ ދެކެމުންނެވެ. އެގޮތުން މިފަދަ ގިނަ ޤައުމުތަކުގައި ދުވާލެއްގެ މައްޗަށް ހާހުން މީހުން ބައްޔަށް ޕޮޒިޓިވްވެ އެތައް ސަތޭކަ މީހުން މި ބަލީގައި މަރުވަމުންދާއިރު، ޤައުމުތަކުގެ ސަރުކާރުން ތިބީ ހަދާނެގޮތެއް ނޭނގި ގޮތް ހުސްވެފައެވެ. މި ބަލިމަޑުކަން މިއަދު މުޅިދުނިޔއަށް ފެތިރިފައިވާއިރު މިކަމުން އަރައިގަތުމުގައި ކާމިޔާބު ނު ހޯދިވާ ސަބަބުތަކާއި މެދުވެސް ވިސްނާލަން ޖެހެއެވެ.
މިބަލިމަޑުކަމުން ސަލާމަތްވުމަށް ފަރުދީ ޒިންމާ މުހިންމު ދައުރެއް އަދާކުރެއެވެ. އަދި މި ޒިންމާގެ ބުރަދަން ކޮންމެ ފަރުދަކަށް ފަހުމްވާންޖެހެއެވެ. މިކަމާއި ގުޅޭގޮތައް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވެސް ކުރަންޖެހެއެވެ. އެހެނީ މި ބަލިން ރައްކާތެރިވުމަށް ސަރުކާރުތަކާއި މުޢައްސަސާތަކަށް ރައްކާތެރިކަމުގެ ރަޖާގަނޑު ފޯރުކޮށްދެވޭނީ އެންމެ ދުރައްވެސް ވަށާ ފާރާއި ހަމައަށެވެ. މި ބަލި ފެތުރޭކަމަށް އެންމެ ބޮޑަށް މި ދައްކަނީ ވަށާ ފާރުތަކުގެ އެތެރެއިންނެވެ. އެކުގައި އުޅޭ މީހުންގެ ކިބައިންނެވެ. އެހެންކަމުން މި ދެންނެވި ސަރަހައްދުގެ ރައްކާތެރިކަމަށްޓަކައި ހަނގުރާމައަށް ތައްޔާރުވެ ތިބުން ވަރަށް މުހިންމެވެ.
މިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާ ލައްވާ އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ، ޑރ. އަހުމަދު ފައިސަލް މިވަނީ ކޮންމެ ބޭފުޅަކުވެސް ވިސްނާ ފިކުރުކޮށްލަންޖެހޭ ވަރުގެ ބަސްކޮޅެއް ޓުވީޓްކުރައްވާފައެވެ. ޑރ. ފައިސލް ވަނީ ކޯވިޑަށް ޕޮޒިޓިވްވާ ބެލެނިވެރިންނާ ކުދިންނާ ވާހަކަދައްކާލުމުން މުހިންމުކަމެއް ފާހަގަވިކަމަށް ވިދާޅުވެފައެވެ. އެގޮތުން ބެލެނިވެރިން އެމީހުންގެ ކުދިން މިބަލީގެ ޝިކާރައަކަށް ވެދާނެކަމަށް ގިނަފަހަރު ހީވެސްނުކޮށް ތިބޭކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. މި ސަބަބަށްޓަކައި ޕޮޒިޓިވްވުމުން ދެންހަދާނެގޮތެއް ރާވާފައެއްވެސް ނޯންކަމަށާއި ސީދާ ވެއްޓެނީ ހާސްކަމުގެތެރެއަށް ޑރ.ފައިސަލް ވިދާޅުވިއެވެ. ޑރ. ފައިސަލްގެ ޓުވީޓް ނިންމަވާލައްވާފައިވަނީ ކުރިން ދެންނެވި ވިސްނާލަން ޖެހޭ މެސެޖުންނެވެ. ޢާއިލާގެ މީހަކު ޕޮޒިޓިވްވެއްޖެނަމަ ދެންހަދާނެގޮތެއް ކުރިއަށް ވިސްނާލާ ރާވާފަބަހައްޓަން ޑރ. ފައިސަލް ގޮވާލެއްވިއެވެ.
ޑރ ފައިސަލް ވިދާޅުވިގޮތައް މިއަދު ރާއްޖޭގެ ޙާލަތު އޮތްގޮތުން ބަލިން ރައްކާތެރިވެފައި ތިބިކަމަށް ބަލާ ފަރުވާ ކުޑަކޮއްލައިގެން ބައެއް ފަރާތްތަކުން އެބަ ތިބެއެވެ. އަދި ވަކިން ޚާއްސަކޮށް ގައިގައި ބާރުހުރި ޒުވާނުން މި ޒިންމާ އެންމެ އެކަށޭނަގޮތެއްގައި އަދާކުރެއެކޭ ދެންނެވޭކަށް ނެތެވެ. އެގޮތުން ކޮފީ މޭޒުތަކާއި ޝީޝާ ލޯންޖްތަކުގައި ގްރޫޕް ހަދާލައިގެން ތިބޭ ތިބުމަކީ މި ނުރައްކާތެރި ވަގުތުގައި ބަލީގެ ނުރައްކާ އިތުރަށް ބޮޑުވާކަމެކެވެ.
މި ގްރޫޕްތަކާއެކު އުޅުމަށްފަހު ދެން މި ވަންނަނީ ގޭތެރެއަށެވެ. ގޭގައި މިތިބީ ގައިބާރު ދޫވެ ދިފާޢީ ނިޒާމު ބަލިކަށިވެފައިވާ މައިންބަފައިންނެވެ. ބަލީގެ ވައިރަސް ގެޔަށް މި ވެއްދޭކަންވެސް ނޭނގި ހުއްޓާ ޢާއިލާއެއް ހަލާކުވެ މިދަނީއެވެ. މިކަންކަމަށް ވިސްނާލަންޖެހެއެވެ. ރެއާއި ދުވާލު ޓީވީ ރޭޑިއޯތަކުންނާއި ނޫސްތަކުން މިކިޔާ އެޗްޕީއޭގެ ގައިޑްލައިންތަކާއި، ރައްކާތެރިކަމުގެ އުސޫލްތައް އެއްކަންފަތުން އަޑުއެހުމަށްފަހު އަނެއް ކަންފަތުން ބޭރު ނުކޮއްލާ މި ކަންކަމާއި މެދު ފުންކޮށް ވިސްނާލައްވާށެވެ. މިއީ ތިމާއާއި ތިމާ ލޯބިވާ އެންމްންގެ ރައްކާތެރިކަމައޓަކައި ކުރާ ކަމެއްގެ ގޮތުގައި ހައްދަވާށެވެ. މިގޮތައް ކަންތައްކޮށް ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރެވިއްޖެނަމަ ކުރިން ދެންނެވި ހާސްކަމުގެ ތެރެއަކަށް ނުވެއްޓޭނެއެވެ. މުޅި އާއިލާ ޕޮޒިޓިވްއެއްވެސް ނުވާނެއެވެ. މި ބަލިމަޑުކަމާއެކު ދިރިއުޅެން ފަސޭހަވެސް ވާނެއެވެ.