ޚަބަރު

މޫސުން ގޯސްވެ މާލެއާއި ކުޅުދުއްފުށި ސިޓީގެ ގެތަކަކަށް ގެއްލުންވެއްޖެ


މޫސުން ގޯސްވެ މާލެއާއި ކުޅުދުއްފުށި ސިޓީގެ ގެތަކަކަށް ގެއްލުންވެއްޖެއެވެ. ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ކަނޑު ގަދަވާނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުންވެސް ވަނީ އަންގާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބެމުންދާ ގެއްލުމުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ މޫސުން ގޯސްވެ މާލެއާއި ކުޅުދުއްފުށި ސިޓީގެ ގެތަކަށް ގެއްލުންވެފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން ރޭ މާލެ ސިޓީއަށް ކުރި ވިއްސާރައިގައި ގެއެއްގެ ފުރާޅު އެއްލާލައިގެން އެމްއެންޑީއެފުން ވަނީ ހަރަކާތްތެރިވެފައެވެ.

މީގެ އިތުރުން ކުޅުދުއްފުށީގެ ގެތަކަށް މޫސުމުގެ ސަބަބުން އެކި ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން 5 ގެއެއްގެ ފާރު ވެއްޓި 3 ގެއްގެ ފުރާޅަށް ބަނބުކެޔޮ ގަސް ވެެއްޓިގެން ރަށު ކައުންސިލާއި އެމްއެންޑީއެފްއިން ވަނީ ހަރަކާތްތެރިވެފައެވެ. މީގެ އިތުރުން އެ ރަށުގެ ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައިވާއިރު، ކޭލަކުނު ކައިރި އަޅާފައިވާ ބަނޑެއް ކުޅުދުއްފުށީ ހުޅަނގު ފަރާތު ތޮއްޓެއް ވަނީ އަރާފައެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އެކި ރަށްރަށަށް މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުން ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވާތީ ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ ހިނދެއްގައި އޭގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ދުރާލައި ފިޔަވަޅު އެޅުމަށް އެންޑީއެމްއޭ އިން އިލްތިމާސްކުރައްވައެވެ. އެގޮތުން ފެންބޮޑުވެގެން ގެއްލުންވާނެފަދަ މުދާ އުސްތަންތަނަށް ބަދަލުކުރުމަށާއި، އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށް އެންޑީއެމްއޭ އިލްތިމާސް ކުރައްވައެވެ. އަދި ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ، ފުރާޅު އެއްލާނުލާނެފަދަ ގޮތަކަށް ދުރާލައި ފިޔަވަޅު އެޅުމަށްވެސް އެފަރާތުން އިލްތިމާސްކުރައްވައެވެ.


މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ހެނދު 09:00އިން މެންދުރުފަހު 01:00ހަމައަށް ހއ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށް ރީނދޫ އެލަރޓް ނެރެފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

އެއިދާރާއިން ވިދާޅުވީ ރާއްޖޭގެ ކަނޑުތައް ގަދަ ވާނެކަމަށާއި، ރާޅުތަކުގެ އުސްމިން 6 ފޫޓާއި 9 ފޫޓާ ދެމެދުގެ އުސްމިނެއްގައި ހުންނާނެކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށާއި، ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައްވެސް ގަދަވާނެތީވެ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.