ކޯވިޑް-19

ކޯވިޑް-19 : އެންޓިބޮޑީ ޓެސްޓު ހެދުމަށްވުރެ މިވަގުތު އިސްކަންދޭނީ އައުޓްބްރޭކް ކޮންޓްރޯލްކުރަން - އެޗް.އީ.އޯ.ސީ


މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 އުޅޭ މިންވަރު ދެނެގަތުމަށް އެންޓިބޮޑީ ޓެސްޓް ހެދުމަށްވުރެ މިވަގުތު އިސްކަންދޭނީ ބަލީގެ އައުޓްބްރޭކް ކޮންޓްރޯލްކުރުމަށްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޓިބޮޑީ ޓެސްޓް ހަދަން ފެށުމާގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓް ހަދަން ފެށުމުގެ ވިސްނުމެއް މިވަގުތު އެ ސެންޓަރުގެ ނެތްކަމަށެވެ. ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު، ރާއްޖެ މިވަގުތު ގުނަމުން މިދަނީ ކޯވިޑް-19ގެ އައުޓްބްރޭކްގެ ޕީކް ދުވަސްތަކެއްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން އެންޓިބޮޑީ ޓެސްޓް ހެދުމަށްވުރެ މިވަގުތު ހުރިހާވެސް އަމާޒެއްހުރީ މި އައުޓްބްރޭކް ކޮންޓްރޯލްކުރުމަށްކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ސްޓަޑީއެއްގެގޮތުގައި އެންޓިބޮޑީ ޓެސްޓް ހެދުމަށް ވާންޖެހޭ ތައްޔާރީތައް ކުރަމުންދާކަމަށާއި، އެކަމަށް ބޭނުންވާ ތަކެތިވެސް އެ ސެންޓަރުން ހޯދަމުންދާކަމަށެވެ. އެހެންނަމަވެސް މި ސްޓަޑީ ފަށާނީ ރާއްޖޭގައި ކޯވިޑް-19ގެ އައުޓްބްރޭކް ކޮންޓްރޯލްކުރެވުމުންކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"ސްޓަޑީ ޕްރޮޕޯސަލް ތައްޔާރުކޮށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު ރިސަރޗް ކޮމެޓީއަށް ހުށަހެޅުމާއި، މިކަންތައްތައް ކުރިއަށްއެބަދޭ. އަދި ސްޓަޑީއަށް ބޭނުންވާނެ ސާމާނު ހޯދުމާއި، މިކަހަލަ ކަންތައްތައްވެސް ދަނީ ކުރަމުން. ތައްޔާރީތައް އެބަދޭ ކުރިއަށް. އެހެންނަމަވެސް އަޅުގަނޑުމެން މި ސްޓަޑީ ފަށާނީ ކޮންމެވެސް ވަރަކަށް އައުޓްބްރޭކް އަޅުގަނޑުމެންނަށް ކޮންޓްރޯލްކުރެވުނީމަ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓަކީ ކޯވިޑް-19ގެ ސަރވައިލެންސް އެންޑް ރެސްޕޯންސްގެ ދަށުން މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއްނޫންކަމަށާއި، އާއްމުންގެ މެދުގައި ކޯވިޑް-19 ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީން ވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައި އަންގާފައެވެ. ކޯވިޑް-19 ދެނެގަތުމަށް ކުރާ ޓެސްޓެއް ކަމުގައި ކަނޑައަޅާފައިވަނީ ޕީ.ސީ.އާރް ޓެސްޓްކަމަށާއި، ޕީ.ސީ.އާރު ޓެސްޓު ހެދޭނީ ނެޝެނަލް ލެބޯޓްރީ ނިޒާމުގެ ތެރެއިން ކަނޑައަޅާ ފެންވަރާއި މިންގަނޑުތަކާ އެއްގޮތަށް އެކަމަށް ތަމްރީނު ލިބިފައިވާ ފަރާތްތަކުންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެފައިވެއެވެ. ރާއްޖޭގައި ކޯވިޑް-19 އަށް ޕީ.ސީ.އާރު ޓެސްޓް މިހާރު ހަދަމުންދަނީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހޮސްޕިޓަލުތަކުގެ ލެބޯޓްރީތަކުގައާއި، މި ޓެސްޓް ހެދުމަށް މިނިސްޓްރީ އޮފް ހެލްތުގައި ރަޖިސްޓްރީކޮށްފައިވާ ލެބޯޓްރީތަކުގައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، އެންޓިބޮޑީ ޓެސްޓް ހަދަންޖެހިއްޖެ ހާލަތެއްގައި ހުއްދަދެވޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަމަޖައްސާ އުޞޫލެއްގެ މަތިންކަމަށެވެ. އަދި ރިސާރޗް ބޭނުމަށް މިފަދަ ޓެސްޓު ހަދާނަމަ، އެ މިނިސްޓްރީގެ ނެޝެނަލް ހެލްތު ރިސާރޗް ކައުންސިލަށް ހުށަހަޅައިގެން ކުރިއަށްދިއުމަށް ހެލްތު މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.