ތިމާވެށި

ކ. ގުރައިދޫ ކަނޑުއޮޅީގެ އިންތަކާއި، މިންތައް އަދި ޒޯނޭޝަން ކަނޑައަޅައިފި


ކ. ގުރައިދޫ ކަނޑުއޮޅީގެ އިންތަކާއި، މިންތައް އަދި ޒޯނޭޝަންގެ ތަފްޞީލު އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައަޅާ، އާއްމުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ކ. ގުރައިދޫ ކަނޑުއޮޅި ޙިމާޔަތްކޮށްފައިވާ ތަނެއްގެގޮތުގައި ކަނޑައަޅާފައިވަނީ 27 ސެޕްޓެމްބަރު 1995 ގައެވެ. އެއީ ގާތްގަނޑަކަށް 352 ހެކްޓަރުގެ ސަރަޙައްދެކެވެ.

ކ. ގުރައިދޫ ކަނޑުއޮޅިއަކީ ގުރައިދޫގެ ދެކުނުން އޮންނަ ފުންމިނުގައި 10 މީޓަރާއި 30 މީޓަރު ހުންނަ ކަނޑުއޮޅިއެކެވެ. މިއީ ޑައިވަރުންގެ މެދުގައި ވަރަށް މަޝްޙޫރު، ކަނޑާއި ފަރުގެ ދިރުންތަކުން މުއްސަނދި ސަރަޙައްދެކެވެ. މި ކަނޑުއޮޅީގެ މެދުގައި އޮންނަ ފަރެއްކަމަށްވާ "މެދުފަރު"ގެ ސަބަބުން މި ކަނޑުއޮޅި ދެ ބަޔަކަށް ބެހިގެންވެއެވެ. މި ސަރަޙައްދުން ފެންނަކަމަށް ރިކޯޑް ކުރެވިފައިވާ ޚާއްސަ ދިރުންތަކުގެ ތެރޭގައި ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ އަދި ބައިނަލްއަޤްވާމީގޮތުން ނެތި ދިޔުމުގެ ބިރު ހީވެފައިވާ ދިރުންތައް ހިމެނެއެވެ. އޭގެ ތެރޭގައި، އޮޅުފަތި މިޔަރާއި، ކާލިގަނޑު މިޔަރާއި، ވަށްބޯ މިޔަރާއި، މާ ހުޅުނބު ލަޑާއާއި، އެންމަޑީގެ އިތުރުން މަޑިމިޔަރު ހިމެނެއެވެ.

މި ސަރަޙައްދުން ގިނަ އަދަދަކަށް ވެލާކަހަނބާއި، ރަތްމަހާއި، ފަރުތޮޅިއާއި، ވެން އަދި ކަނޑުގައި ދިރިއުޅޭ މަސްމަހާމެހިވެސް ފެނެއެވެ. އަދި ތަފާތު ބާވަތްތަކުގެ މުރަކާއި، ހޮހަޅަތަކާއި، އެހޮހަޅަތަކުގެ އެތެރޭގެ ދިރުންތަކަކީ މިތަނުގެ މުއްސަނދިކަން އިތުރުކޮށްދޭ ދިރުންތަކެކެވެ.

ގުރައިދޫ ކަނޑުއޮޅިން ގަލާއި، ވެލި، މުރަކަ އަދި އަކިރި ނެގުމާއި، ކުނި އެޅުން އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މަނާކޮށްފައެވެ. އަދި ދޫނި ސޫފާ ސޫފި ހިފުމާއި، ނެގުމާއި، އެތަކެތި މެރުމާއި، ބިން ހިއްކުމާއި ފަޅު ފުންކުރުމާއި، އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުމަކީވެސް މަނާކަމެކެވެ.

މީގެ އިތުރުން އެކުއާ ކަލްޗަރ އަދި މެރިކަލްޗަރގެ މަސައްކަތްތައް ކުރުންވެސް މިނިސްޓްރީން ވަނީ މަނާކޮށްފައެވެ. އަދި މަސްވެރިކަމުގެ ޤާނޫނުގެ ދަށުން، ކަޅުބިލަމަހުގެ މަސްވެރިކަމަށާއި، ބޮޑު ކަންނެލީގެ އަތުނަނު މަސްވެރިކަމަށް ދޫކޮށްފައިވާ ޞައްޙަ ލައިސަންސެއް އޮތް އުޅަނދުތަކުން ކުރާ އެންވެރިކަން ފިޔަވައި އެއްވެސް ބާވަތެއްގެ މަސްވެރިކަން ކުރުމާއި، ނަގިލި ލުމާއި، އެތަނުގެ މާހައުލާއި ދިރުންތަކަށް ގެއްލުންވެދާނެ އެއްވެސް ޢަމަލެއް ކުރުމަކީ މަނާކަމެއްކަމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.