ޚަބަރު

ހޯރަފުށީގައި ހަދާ ފެންފުޅި ބަންދުކުރާ ޕްލާންޓްގެ މަސައްކަތް މާދަމާ ފަށަނީ


ހޯރަފުށީގައި ތަރައްޤީކުރާ ފުޅީގައި ފެން ބަންދުކުރާ ޕްލާންޓްގެ ޢަމަލީ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރ ފެނަކައިން ވިދާޅުވީ ފެން ޕްލާންޓް ހަދާ ސަރަޙައްދުގެ އިންވަކިކުރިމުގެ މަސައްކަތް މިހާރުވެސް ފަށައިގެން ކުރިއަށްދާކަމަށެވެ. ޢަދި މަސައްކަތް ކުރިއަށްދާ ސަރަޙައްދުގެ ފެންސް ޖެހުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށެވެ. ފެން ޕްލާންޓްގެ ޢިމާރާތަށް ބޭނުންވާ ސާމާނު އަންގާރަދުވަހު އެރަށަށް ގެންދާނެކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.

ހޯރަފުށީގައި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއްހެދުމުގެ މަޝްރޫއުއަކީ އިންޑިއާގެ މާލީ އެހީގައި "ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި މައްސަކަތުގެ ޢުމްރާނީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފެނަކައާ ޙަވާލުކޮށްފައިވަނީ ޖުލައިމަހުގެ ދެވަނަ ދުވަހުއެވެ. ހޯރަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ބިއްލޫރި ފުޅީފައި ފެން ބަންދުުރާ ޕްލާންޓެކެވެ. މި ފެން ޕްލާންޓުން ދުވާލެއްގެ މައްޗަށް 10،000އާއި 12،000އާއި ދެމެދުގެ އަދަދަކަށް ބިއްލޫރި ފުޅީގައި ފެން ބަންދުކުރެވޭނެއެވެ. އަދި ރަށުގެ ކޮންމެ ގޭބިސީއަކަށް ފެން ފޯރުކޮށްދިނުމުގެ ގޮތުން ޑިސްޕެންސަރ ހަވާލުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެދަށުން ކުރިއަށްގެންދާނެއެވެ.

މި މަޝްރޫޢުއަކީ ހޯރަފުށީ ކައުންސިލްގެ ޙިއްސާ އޮންނަގޮތަށް ޖޮއިންޓް ވެންޗަރ އުސޫލުން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި ޕްރޮޖެކްޓަރއެކު އުތުރުގެ ރަށްތަކާއި ރިސޯޓްތަކަށް މިނެރަލް ވޯޓަރ ފަސޭހައިން ފޯރުކޮށްދެވި، ރަށަށް ވަންނަ އާމްދަނީވެސް އިތުރުވެގެންދާނެއެވެ. މި ޕްރޮޖެކްޓްގެދަށުން އެރަށުގެ ކޮންމެ ގޭބިސީއަކަށް ފެން ފޯރުކޮށްދިނުމުގެގޮތުން ޑިސްޕެންސަރ ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ފެނަކައިން ވިދާޅުވެއެވެ. ޕްރޮޖެކްޓްގެ މަސައްކަތް މުޅިން ނިންމާލެވޭނެކަމަށް މުޅިން ލަފާކުރަނީ އަންނަ އަހަރުގެ ފެބްރުއައީ މަހަށެވެ.

މިއީ ބިއްލޫރިފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް އުތުރުގައި ޤާއިމުކުރާ ފުރަތަމަ ފަހަރެވެ. ހދ.ކުޅުދުއްފުށީގައި އައިލެންޑް ބެވަރޭޖަސްގެ ފަރާތުން ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް އަންނަނީ ހިންގަމުންނެވެ.