ޚަބަރު

އަލިފާން ރޯވި ތެޔޮ ޓޭންކަރުގެ ސަބަބުން ރާއްޖެއަށް ނުރައްކާވުމުގެ ފުރުސަތު ކުޑަ


ސްރީލަންކާ ކައިރިން ދަތުރުކުރަނިކޮށް އަލިފާން ރޯވި ތެޔޮ ޓޭންކަރުގެ ސަބަބުން ރާއްޖެއަށް ނުރައްކާވުމުގެ ފުރުސަތު ކުޑަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. ސްރީލަންކާގެ ހަންބަންޓޯޓާކައިރިން ދަތުރުކުރަމުންދަނިކޮށް އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ އެމްޓީ ޑައިމަންޑް ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއްގައެވެ. މި ތެޔޮ ޓޭންކަރުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

މި ހާދިސާއާ ގުޅިގެން ސަރަހައްދީ ރައްކާތެރިކަމަށް ކުރާ މަސައްކަތްތަކުގެ މަޢުލޫމާތު ނޫސްވެރިންނާ ހިއްސާކުރައްވަމުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ، ތެޔޮ ޓޭންކަރުކައި ރޯވުމާއެކު ސްރީލަންކާއާއި ސަރަހައްދީ އެހެން ޤައުމުތަކުން ވަރަށް ގާތުން މަސައްކަތް ކުރަމުންދާކަމަށެވެ.

މި ތެޔޮ ބޯޓުގައި ރޯވެފައިވަނީ އިންޖީނުގެ ކޮއިލަރެއްގައިކަމަށާއި، މިވަގުތު އިންޖީނު ރޫމްގައި އަލިފާން ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ. އަލިފާންގަނޑު ކޮންޓްރޯލްވެފައިވާއިރު، ދޭތެރެދޭތެރެއިން ހުޅު ރޯވާތީ އެކަން ގާތުން ބަލަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާތަނަށް އައިރު އެ ބޯޓުން ތެޔޮ ލީކްވެފައިވާކަމަށް މަޢުލޫމާތު ނުލިބޭކަމަށާ، އެހެން ނަމަވެސް ރާއްޖެ މިހާރު އޮތީ ލެވެލް 1ގައި މިކަމަށް ކުރިމަތިލުމަށް ތައްޔާރުވެފައިކަމަށް ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

"މިއީ ޑިވެލޮޕިންގް ކޭސްއެއް ވީމައި ވަރަށް ގާތުން މިދަނީ ބަލަމުން. ރާއްޖެއަށް ޖަޕާނުން ދީފައިވާ އެހީއިން ތެޔޮ އެޅުމުން ސާފުކޮށް ނެގޭނެ. އިތުރަށް ރަނަގޅުކުރުމުގެ ޕްރޮސެސް ފައްޓާފައި މީގެ ކުރިންވެސް ވަނީ. މިކަން ބެލުމަށް ސްރިލަންކާ ނޭވީ ކޯސްޓް ގާޑާއި، ޕޯޓާއި ރަޝިޔާ މަނަވަރެއް އަދި އިންޑިއާގެ އިތުރު އުޅަނދުތަކެއް އެ ސަރަހައްދަށް ގޮސްގެން ކޮންޓްރޯލްކުރުމުގެ މަސައްކަތް ދަނީ ކުރަމުން" ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، މޫސުމާ ބެހޭ ޤައުމީ އިދާރާގެ ޑިރެކްޓަރ މީޓްރޮލޮޖީ އަޙްމަދު ރަޝީދު ވަނީ އަލިފާން ރޯވި ތެޔޮ ޓޭންކަރުން ރާއްޖެއަށް ނުރައްކާވުމުގެ ފުރުސަތު ކުޑަކަމަށް ވިދާޅުވެފައެވެ. އެގޮތުން އަލިފާނުގެ ހާދިސާގެ އޮޔާއި ވައި ހުރި ގޮތާއި ކުރިއަށް އޮތް ދުވަސްތަކުގެ މޫސުން ލަފާކުރެވޭގޮތައް ބަލާއިރު، ބޯޓުން ތެޔޮ ލީކުވިޔަސް ދަތުރުކުރާނީ ރާއްޖެއާއި ދުރަށްކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އޮޔާއި ވަޔާއި ކުރިއަށް އޮތް ދުވަސްތަކުގެ މޫސުމަށް ބަލާއިރު ލަންކާ ކައިރިން ރޯވި ތެޔޮ ޓޭންކަރުން ރާއްޖެއަށް ނުރައްކާވުމުގެ ފުރުސަތު ކުޑަ. މިކަން އަޅުގަނޑުމެންވެސް މިދަނީ ގާތުން ބަލަމުން" އަހުމަދު ރަޝީދު ވިދާޅުވިއެވެ.

އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހާދިސާތައް ހިނގަމުންދާއިރު، އެކަންކަން ރާއްޖެއިން ގާތުން ބަލައި ރާއްޖެއަށް ނުރައްކަލެއް ނެތްކަން ކަށަވަރުކުރާކަމަށެވެ. އަދި ނުރައްކަލެއް އޮތްނަމަ އެކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ ހަންބަންޓޯޓާއާ 25 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވި "އެމްޓީ ޑައިމަންޑް" ތެޔޮ ޓޭންކަރުގައި 270 ހާސް މެޓްރިކް ޓަނުގެ ސާފު ނުކުރާ ތެޔޮ ހުރިކަމަށް މަޢުލޫމާތު ލިބެއެވެ.