ވެންޓިލޭޓަރުތައް ގެންނަން ޙަވާލުކުރި ދުބާއީ ކުންފުނިން ރާއްޖެއަށް އިތުރު 10 ވެންޓިލޭޓަރު ފޮނުވާފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ 10 ވެންޓިލޭޓަރު މިވަގުތު ހުރީ ކަސްޓަމްސްގައިކަމަށާ، މިތަކެތި ކްލިއަރކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާކަމަށެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މި ވެންޓިލޭޓަރުތަކަކީ އެކުންފުނިން ކުރިން ފޮނުވައި، ބޭނުންނުކުރެވުނު ވެންޓިލޭޓުތަކުގެ ބަދަލުގައި ރާއްޖެއަށް ފޮނުވި 10 ވެންޓިލޭޓަރުކަމަށެވެ.
ދުބާއީގެ "އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގް"އާ ޙަވާލުކޮށްގެން ގެނައުމަށް މަސައްކަތްކުރަމުންދަނީ 75 ވެންޓިލޭޓަރެވެ. އެކުންފުނިން މިހާތަނަށް ފޮނުވާފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް އެ ވެންޓިލޭޓަރުތަކަކީ ރާއްޖެއިން އޯޑަރުކުރިފަދަ މެޝިންތަކަކަށް ނުވާތީ އެތަކެތި ބޭނުން ނުކުރެވޭނެކަމަށް ހެލްތު މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. ތަސްލީމާ ވިދާޅުވީ މިފަހަރު ފޮނުވި 10 ވެންޓިލޭޓަރަކީ އޭގެ ބަދަލުގައި އެކުންފުނިން ފޮނުވި ވެންޓިލޭޓަރުތަކެއްކަމަށެވެ. މި ވެންޓިލޭޓަރުތަކަކީ ޕޯޓަބަލް ވެންޓިލޭޓަރުތަކެއްކަމަށް ތަސްލީމާ ވިދާޅުވިއެވެ. ތަސްލީމާ ވިދާޅުވި ލިބިފައިވާ ފޮޓޯތަކަށް މަޢުލޫމާތަށް ބަލާއިރު މިއީ ރާއްޖެއިން އޯޑަރުކުރި ފީޗަރސްތަށް ހިމެނޭ ވެންޓިލޭޓަރުތަކެއްކަމަށެވެ. އަދި މިތަކެތި ކްލިއަރކުރުމަށްފަހު މެޝިންތަށް ޓެސްޓުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. ވެންޓިލޭޓަރުރަށް ވީހާވެސް އަވަހަށް ކްލިއަރކުރުމަށް ހެލްތް މިނިސްޓްރީއިންދަނީ މަސައްކަތްކުރަމުންނެވެ.
75 ވެންޓިލޭޓަރު ގެނައުމަށް ދުބާއި ކުންފުންޏަށް އޯޑަރުދީފައިވަނީ މާޗް މަހުއެވެ. އަދި އެކަމަށް ހޭދަވާ ފައިސާގެ %90 ފައިސާ ސަރުންވަނީ ދައްކާފައެވެ. ނަމަވެސް މި ފައިސާގެ މުޢާމަލާތް ކުރިއަށް ގެންގޮސްފައިވަނީ އެއްވެސް ގެރެންޓީއަކާ ނުލައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށްކަމަށް އޮޑިޓަރޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓްގައިވަނީ ހާމަކޮށްފައިވެއެވެ.
އޮޑިޓަރ ނެޖެރަލާއި އޭސީސީ ގުޅިގެން މިމައްސަލަ ދަނީ ތަހްޤީޤުކުރަމުންނެވެ.