ޚަބަރު

ކޯވިޑް-19 : 8 ރަށަކުން 22 މީހުން ޕޮޒިޓިވް ވެއްޖެ


ރާއްޖޭގެ 8 ރަށަކުން 22 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މީގެތެރޭގައި ހިމެނެނީ 20 ދިވެހިންނާއި 2 ބިދޭސީންނެވެ. ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވީ މީގެތެރެއިން 20 މީހުން ބައްޔަށް ޕޮސިޓީވްވިކަން އެނގިފައިވަނީ ފުރަބަންދުން ދޫކޮށްލުމުގެ ކުރިން ހެދި ޓެސްޓުންކަމަށެވެ. އަދި އައްޑުއިން ޕޮސިޓީވްވި 2މީހަކު ޕޮސިޓިވްވިކަން އެނގިފައިވަނީ ރަށަށް ކަރަންޓީންވުމަށް ދިއުމުގެ ކުރިން މާލެއިން ނެގި ސާމްޕަލްއިންކަމަށެވެ.

މިއަދު ޕޮޒިޓިވް މީހުންގެ ތެރޭގައި ހިމެނެނީ ދ.ކުޑަހުވަދޫއިން 4 މީހުން، ޅ.ނައިފަރުން 4 މީހުން، ރ.އިންގުރައިދުއިން 4 މީހުން، ބ.އޭދަފުށީން 4 މީހުން، ގއ.ދާންދޫއިން 2 މީހުން އަދި ރ.ރަސްމާދުއާއި ށ.ފީވަކުން އެކަކެވެ. ދ.ކުޑަހުވަދޫން މިއަދު ޕޮޒިޓިވްވި މީހުންގެތެރޭގައި 1 މަހުގެ ތުއްތު ފިރިހެން ކުއްޖަކުވެސް ހިމެނެއެވެ. އަދި ބ.އޭދަފުށީން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ތިންމަހުގެ ތުއްތު އަންހެން ކުއްޖަކުވެސް ހިމެނެއެވެ.

ޕޮޒިޓިވްވި 20 މީހުންގެ ތެރެއިން 6 މީހުންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނެވެ.

ކޯވިޑް-19ގެ ކޭސްތައް އަތޮޅުތަކުން ފެންނަ މިންވަރު ފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް މީގެ ތެރެއިން ގިނަ ކޭސްތަކަކީ 14 ދުވަހުގެ ފުރަބަންދު ނިންމުމަށްފަހު ދޫކޮށްލުމުގެ ކުރިން ހަދާ ޓެސްޓުން ބައްޔަށް ޕޮޒިޓިވްވި މީހުންނެވެ.