ކޯވިޑް-19

ހިތާދުއާއި ތުޅާދޫން އަނެއްކާވެސް ޕޮޒިޓިވްވެއްޖެ


ބ.އަތޮޅު ހިތާދުއާއި ތުޅާދޫގައި ހޯމް ކަރަންޓީނަގައި ތިބި ދެމީހަކު އަނެއްކާވެސް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މި ދެމީހުން ޕްޒިޓިވްވީ، ހޯމް ކަރަންޓީންގެ 14 ދުވަސް ފުރިހަމަކުރުމަށްފަހު، ހެދި ޓެސްޓުންނެވެ. ތުޅާދޫން ޕޮޒިޓިވްވީ ޢުމުރުން 40 އަހަރުގެ ފިރިހެނެކެވެ. ހިތާދޫން ޕޮޒިޓިވްވީ 53 އަހަރުގެ އަަންހެނެކެވެ.

މި ދެމީހުންގެ ޙާލު ރަގަޅުކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. އެންމެ ފުރަތަމަ ބ.އަތޮޅުން ޕޮޒިޓިވް ކޭހެއް ފެނުނީ ތުޅާދޫންނެވެ. އެމީހާވަނީ ހާޓްއެޓޭކެއް ޖެހިގެން ނިޔާވެފައެވެ.
މިހާތަނަށް ބ.އަތޮޅުން ޕޮޒިޓިވް ކޭސް މި ދެރަށުގެ އިތުރުން ފެނިފައިވަނީ އޭދަފުއްޓާއި ކަމަދުއާއި ކުޑަރިލުގެ އިތުރުން ފިނޮޅު ރިސޯޓުންނެވެ.

މި ރައްތަކުގެ ތެރެއިން ޕޮޒިޓިވެ ކޭސް މިހާރު އޮތީ އޭދަފުއްޓާ، ތުޅާދުއާއި ހިތާދޫގައެވެ.