ޚަބަރު

ކޯވިޑް-19 : ޢަލާމަތް ހުރިނަމަވެސް ޑޮކްޓަރަށް ނުދައްކާކަމުގެ ކަންބޮޑުވުން!


ކޯވިޑް-19ގެ ޢަލާމާތްތައް ފެނުނުނަމަވެސް ޑޮކްޓަރަށް ނުދައްކައިތިބޭ މީހުން އިތުރުވަމުންދާކަމަށް ވިދާޅުވެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑޮކްޓަރ، ޑރ.މުޙައްމަދު އަލީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑޮކްޓަރ ވިދާޅުވީ މިގޮތަށް ޑޮކްޓަރަށް ނުދައްކާ ތިބެ، ފަހުން ބައްޔަށް ޕޮސިޓިވްވިކަން އެނގޭއިރު ޙާލަތު ވަރަށް ގޯސްވެފައިވާ މީހުންވެސް ތިބޭކަމަށެވެ.

ޕީއެސްއެމް ނިއުންސްގެ ކޯވިޑް-19 ލައިވްކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން ޓެގް ޓީމްގެ ޑޮކްޓަރު ޑރ.މުޙައްމަދު އަލީ ވިދާޅުވީ އެންމެ ފުރަތަމަ މުޖުތަމަޢުގެ ތެރެއަށް ކޯވިޑް-19އަށް ދިޔައިރު ގިނައިން ބަލި ޖެހުނީ ޒުވާނުންނަށް ނަމަވެސް، މިހާރު އުމުރުން ދުވަސްވީ މީހުންނާއި އަދި ބޮޑެތި ބަލިތަކާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުންދާ ގިނަ ބަޔަކު ބައްޔަށް ޕޮސިޓިވްވަމުން އަންނަކަމަށެވެ. މިއާއިއެކު ބަލީގެ ޢަލާމާތްތައް ފެންނަނަމަ ދޭންޖެހޭ ސަމާލްކަން އިރުކުރަންޖެހިގައިވާކަމަށް ޑޮކްޓަރވަނީ ވިދާޅުވިއެވެ.

ބަލި ވަރަށް ބޯޑަށް ފެތުރެމުންދާ މި ދަނޑިވަޅުގައި ބައްޔާމެދު މީހުން ބަހައްޓާ ސަމާލްކަން ކުޑަވަމުންދާކަމުގެ ކަންބޮޑުވުން ޑރ.މުޙައްމަދު އަލީވަނީ ފާޅުކުރައްވާފައެވެ. އެގޮތުން ބަލީގެ އަލާމާތްތައް ފެނުނުނަމަވެސް ޑޮކްޓަރަށް ނުދައްކާ، ޓެސްޓް ނަހަދާ ތިބޭކަން ޑޮކްޓަރވަނީ ފާހަގަކުރައްވާފައެވެ. އަދި މިއީ ގިނަބަޔަކަށް ބަލި ޖެހި، ބަލީގެ ނުރައްކާ އިތުރަށް ބޮޑުވެފައިވާ ސަބަބެއްކަމަށް ވިދާޅުވެވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"މިސާލަކަށް ރޯގާގެ އަލާމަތްފެނުން، ހުންއައުން ކެއްސުން ފަދަ ޢަލާމާތްތައް ހުންނައިރުވެސް ޑޮކްޓަރުގެ އެހީ ނުހޯދާ އެބަތިބޭ. ޙާލު ސީރިއަސް ވަންދެންވެސް ގޭގައި އެބަ ތިބޭ." ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ޚާއްސަކޮށް ބޮޑެތި ބަލިތަކާއި ދާއިމީ ބަލިތަކަށް ބޭސްފަރުވާކުރާ މީހުންނަށް މީގެ ނުރައްކާ ވަރަށް ބޮޑުކަން ޑޮކްޓަރ ވަނީ ފާހަގަކުރައްވާފައެވެ. މިހާރުވެސް ކޯވިޑް-19އާ ގުޅިގެން 180އަށްވުރެ ގިނަ މީހުންނަށް އެޑްމިޓްކޮށްގެންދަނީ ފަރުވާދެމުންނެވެ. މީގެތެރޭގައި ގިނައީ ދާއިމީ ބަލިތައް ތަޙައްމަލުކުރާ މީހުންނެވެ.

"މިއީ ހަމައެކަނި ފުއްޕާމެއާއި ނޭވާލާ ނިޒާމުގެ ބައްޔެއް ނޫން، މި ޢަލާމާތް ނުފެނިވެސް އެބަދޭ. އަޅާނުލާ ފަރުވާ ނުދެވިއްޖެނަމަ ހިތުގެ ލޭނާރު ބްލޮކްވެ ހާޓް އެޓޭކްވެސް ޖެހެން އެބަ ދިމާވޭ. އަދި ސިކުނޑީގެ ލޭނާރު ބްލޮކްވެ ސްޓްރޯކްޖެހުމާއި ވާގިނެތޭ ބަލި ފަދަ ބަލިތަކަށް އެބަ ހުށަހެޅޭ." ޑރ.މުޙައްމަދު ޢަލީ ވިދާޅުވިއެވެ.

ޑޮކްޓަރވަނީ ރޯގާއާއި ހުމުގެ އަލާމާތްތައް ހުރިނަމަ ގޭގައި އަމިއްލައަށް ފަރުވާ ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެއްވެސް އަލާމާތެއް ފެންނަނަމަ 1676އަށް ގުޅައިގެން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ނުވަތަ ޓެސްޓްކުރުމަށް އެދިފައެވެ.