ރާއްޖޭގައި މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު 4716އަށް އަރައިފިއެވެ. މިހާތަނަށް އައިރު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި ބިދޭސީންގެ ޢަދަދު މިހާރު އުޅެނީ 2951ގައެވެ.
ހޮނިހިރުދުވަހުގެ އިރު އޮއްސި 18:00އިން ފެށިގެން އާދިއްތަ ދުވަހުގެ އިރު އޮއްސި 18:00އާ ހަމައަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވީ 89 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 88 މީހަކާއި އަތޮޅުތަކުގެ ރަށްރަށަކުން ޕޮޒިޓިވްވި މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވައެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 63 މީހުންނަކީ ދިވެހިންނެވެ. ދެން މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 20 މީހަކާއި އިންޑިއާ 5 މީހަކާއި ސްރީލަންކާ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމުލަ 7667 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 111 މީހެކެވެ. މިއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 5036 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 28 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2597 އަރާފައިވާއިރު، 1486 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު 181 އަށް ވަނީ އަރާފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1489 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 111738 އެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 31 ރަށަކުންނާއި، 15 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 15 ފަތުރުވެރިއަކާއި، 19 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި 48 މީހަކަށް ބަލި ޖެހި ފަރުވާދެމުންދާއިރު މޮނީޓަރިންގެ ހާލަތުގައި އޮތީ ކުޅުދުއްފުށި ސިޓީއާއި، ގދ.ތިނަދޫއެވެ.