ކޯވިޑް-19

ކޯވިޑް-19 : ހުޅުމާލޭ ޖަލުން، އިތުރު 6 ޤައިދީއަކު ޕޮޒިޓިވްވެއްޖެ


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުޅުމާލޭ ޖަލުގައި ތިބި އިތުރު 6 ޤައިދީއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، ހުޅުމާލޭ ޖަލާއި ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ކޯވިޑް-19ގެ އެކްޓިވް ކޭސްތަކެއް ފެނުމާގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ކަންކަމާއި، އޮފިސަރުންނާއި، މުވައްޒަފުންނާއި، ޤައިދީންނާއި، ޑިޓެއިނީންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ އުޞޫލުގެ ދަށުން ކުރަމުންދާކަމަށެވެ.

އެގޮތުން އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިން 10 ސާމްޕަލެއް ނަގާފައިވާއިރު، ސާމްޕަލްތަކުގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ. އަދި ޤައިދީންގެ ތެރެއިން 41 ސާމްޕަލެއް މިހާތަނަށް ނަގާފައިވާއިރު، އަލަށް ޕޮޒިޓިވްވި ސާމްޕަލްތަކާއެކު ޖުމްލަ 7 ޤައިދީއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް އެ ސަރވިސްއިން ވިދާޅުވެއެވެ. ޤައިދީންގެ ތެރެއިން ނެގުނު ސާމްޕަލްތަކުގެ ތެރެއިން 19 ސާމްޕަލެއް ނެގެޓިވްވެފައިވާއިރު، 15 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭކަމަށްވެސް އެ މުއައްސަސާއިން ހާމަކުރައްވައެވެ.

އިމިގްރޭޝަންގެ ޤާނޫނާ ޚިލާފުވެގެން އަނބުރާ ޤައުމަށް ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބާފައިވާ 5 ބިދޭސީއަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިކަމާގުޅިގެން މިހާތަނަށް އެ ސެންޓަރުން 31 ސާމްޕަލެއް ނަގާފައިވާއިރު، 16 ސާމްޕަލެއްގެ ނަތީޖާ ނެގެޓިވްވެފައިވާކަމަށް ކަރެކްޝަނަލްއިން ވިދާޅުވެއެވެ. އަދި 10 ސާމްޕަލެއްގެ ނަތީޖާ ނުލިބޭކަމަށްވެސް އެ މުއްސަސާއިން ވިދާޅުވެއެވެ.

ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް މި ވައިރަސް ވަދެފައިވާކަމަށް ބެލެވެނީ އަލަށް ގެނެވުނު ބިދޭސީންގެ ފަރާތުންކަމަށް ކަރެކްޝަނަލްއިން ވިދާޅުވެއެވެ. މި ޙާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރެކްޝަނަލްއިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދުކެނޑުމެއްނެތި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެފައިވެއެވެ.