ދުނިޔޭގެ ވިޔަފާރި

ޔުނައިޓެޑް އެއަރލައިންސްއިން 2850 ޕައިލެޓުން ވަކިކުރަނީ


އެމެރިކާގެ ޔުނައިޓެޑް އެއަރލައިންސްއިން ދެ ހާހަށްވުރެ ގިނަ ޕައިލެޓުން ވަކިކުރަން ޖެހިދާނެކަމަށް އެ އެއަރލައިނުން ހާމަކޮށްފިއެވެ.

ޔުނައިޓެޑް އެއަރލައިންސްއިން ބުނީ ކޯވިޑްއާ ގުޅިގެން އެމެރިކާ ސަރުކާރުން އެއަރލައިންތަކަށް ދެމުންދާ އެހީ ހުއްޓިއްޖެނަމަ އެއަރލައިނުން 2850 ޕައިލެޓުން ވަކިކުރަންޖެހޭނެކަމަށެވެ. މިއީ ޔުނައިޓެޑް އެއަރލައިންސްގެ ތާރީހުގައިވެސް މިހާ ގިނަ އަދަދެއްގެ ޕައިލެޓުން އެއް ފަހަރާ ވަޒީފާއިން ވަކިކުރާ ފުރަތަމަ ފަހަރެވެ.

އެމެރިކާގެ އެއަރލައިންތަކަށް އެހީވުމަށް އެމެރިކާ ސަރުކާރުން ފައިސާދޭއިރު، އެކަން އޮތީ ސެޕްޓެމްބަރުމަހާ ހަމައަށް ކުރިއަށްދާ ގޮތަށެވެ. އަދި ސެޕްޓެމްބަރުމަހުގެ ފަހުން އެއަރލައިން އިންޑަސްޓްރީ ހަމައަކަށް އެޅޭނެކަމަށް ތަޖުރިބާކާރުން ތިބީ ބަލައިގަނެވެ.

ނަމަވެސް އެއަރލައިންތަކުގެ ވިޔަފާރި ރަނގަޅުނުވާއިރު، އިތުރު 25 ބިލިއަން ޑޮލަރުގެ ޕެކޭޖަކަށް އެއަރލައިންތަކުން ވަނީ އެމެރިކާ ސަރުކާރުގައި އެދިފައިކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް އެކަމުގައި އަދިވެސް ވަކި ގޮތެއް ނިމިފައި ނުވާއިރު، އެމެރިކާގެ އެއަރލައިންތަކުން ދަނީ ގިނަ އަދަދަކަށް މުވައްޒަފުން ވަކިކުރުމަށް ނިންމަމުންނެވެ.