ޚަބަރު

ކޯވިޑް-19 : އިވެނީ ޙާލަތު ގޯސްވާ ވާހަކަ. ކުރެވޭނީ ކޮންކަމެއް؟


ކޯވިޑް-19 ރާއްޖެއިން ފެނުނުތާ މިމަހުގެ ނިޔަލަށް 6މަސް ވާނެއެވެ. މި ހަމަސްތެރޭގައި ދިރިއުޅުމަށް އައީ ކޮން ބަދަލެއްހެއްޔެވެ؟

މަހަކަށްވުރެ ދިގު މުއްދަތަކަށް 24 ގަޑިއިރުގެ ފުރަބަންދެއް ފުރިހަމަކޮށްފައި ވާއިރު ވަޒީފާ ގެއްލުނު މީހުންނާއި، ވަޒީފާއަށް ނުގޮސްތިބި މުއްދަތުގައި އެއްގޮތަކަށްވެސް މުސާރަ ނުލިބުނު މީހުންނާއި، ދަރިންގެ ކިޔެވުން މުޅިންހެން ހުއްޓުމަކަށް އައުމާއި، ވިޔަފާރިތައް ބަންދުކުރަން މަޖުބޫރުވެ ބަނގުރޫޓުވުމާއި، އެންމެ ކުޑަމިނުން ރަށުގައި ތިބި އާއިލާގެ މީހުންނާއި ބައްދަލުނުވެ ތިބި އެތައް މީހުންނެއް އެބަތިއްބެވެ. މިއީ ހަމަގައިމުވެސް މިއަހަރަށް ކުރި އުންމީދުތަކުގައި އެއްވެސް މީހަކު ހިމެނި ކަންކަން ނޫންކަން ޔަގީނެވެ.

ޤަބޫލުކުރަން ދަތި ނަމަވެސް މިއީ ކުޑަކަމެއްކަމަށް ހީކުރި، ކޯވިޑް-19ގެ ބަލިމަޑުކަން އަހަރެމެންނަށް މެދުވެރިކުރުވި ޙާލަތެވެ.

ދަތި ދުވަސްތަކަކަށްފަހު ފުރަބަންދަށް ލުއިތައް ދޭންފެށީ ޙާލަތު ރަނގަޅުވަމުން އަންނަން ފެށުމުންނެވެ. އެއާއިއެކު ވަޒީފާއަށް ނިކުމެވޭނެ މަގުފަހިވެ، އާމްދަނީ ހޯދުމާއި އަދި ގޭގެ ހަތަރުފާރުގެ ތެރޭގައި ތިބެންޖެހުމުން ދިމާވި ނަފްސާނީ މައްސަލަތަކަށްވެސް ލުޔަކަށްވެގެންދިޔައެވެ. ލުއިދޭންފެށިއިރު ކޭސްތަކުގެ އަދަދުހުރީ 1500ގައެވެ. މިއީ ބަލި ރާއްޖެއިން ފެނުނުތާ 2 މަސް ވީއިރުހުރި އަދަދެވެ. ލުއިދޭންފެށިއިރު އާއްމުކޮށް ކޭސްތައް ހުރީ 50 އިން ދަށުގައިއެވެ. އަދި މުޅި ޖޫންމަހާއި ޖުލައިމަހުގެ މެދުތެރެ އާއި ހަމައަށްވެސް އަދަދުތައް ހުރީ ވަރަށް ދަށުގައެވެ.

ފުރަބަންދަށް ޖުލައި 1 ގައި ދިން ބޮޑެތި ލުއިތަކާއިއެކު ކޭސްތައް މިވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އެދިން ލުއިތަކާއިއެކު ސްކޫލްތަކާއި ވިޔަފާރިތަކާއި މިސްކިތްތައް ބަންދުކޮށްފައި އޮތުމަށްފަހު ހުޅުވާލިއެވެ. ނަމަވެސް މިއިން ކޮންމެ ޚިދުމަތެއް ހޯދުުމުގައި ޢަމަލުކުރަންޖެހޭ ކަންކަން ހިމަނައި ގައިޑްލައިންތަކާއި އުސޫލުތައްވެސް ހެދިއެވެ. ބޭރުގައި އުޅެވޭނެ ވަގުތު ކަނޑައެޅުމާއި، އެކި އުމުރަށް ޚާއްސަ ވަގުތު ކަނޑައެޅުމާއި، ރެސްޓޯރަންޓާއި ފިހާރަތަކުން އެއްފަހަރާއި ޚިދުމަތްދެވޭނެ މީހުންގެ އަދަދާއި، އާއްމު ތަންތަނަށް އެއްވުމުގައި ޢަމަލުކުރަންވީ ގޮތާއި، މިސްކިތަށް ނަމާދަށްދިއުމުގައި ޢަމަލުކުރަންވީގޮތުގެ އިތުރަށް ބޭރުގައި އުޅުމަށްފަހު ގެއަށްގޮސް ޢަމަލުކުރަންވީގޮތުގެ އިރުޝާދުތައް ފުރިހަމައަށް ދިނެވެ.

ނަމަވެސް ދިން ލުއިތަކާއިއެކު ފެނުނީ އެހެން މަންޒަރެކެވެ. ޕާކުތައް ފުރިބާރުވިއެވެ. ކާބޯތަކެތި ވިއްކާ ތަންތަނުގައި ގުރޫޕް ހަދާފައި ގޮސްތިބި މީހުންނާއި އެކު ތޮއްޖެހެމުންދިޔައެވެ. ދަތުރުދިއުމާއި ޕާޓީތައް ބޭއްވުންފަދަ ކަންކަން އިންތިޒާމް ކުރެވިގެން ދިޔަމަންޒަރު ފެނިގެން ދިޔައެވެ.

މިއަދު ފެންނަނީ ބަލި ބާރަށް ފެތުރެމުންދާ މަންޒަރެވެ. އެއާއި އެކު ތަކުރާރު ކުރެވެނީ އެއްސުވާލުތަކެކެވެ. މާބޮޑަށް ދޫކޮށްލީހެއްޔެވެ؟ ނުވަތަ ޢަމަލުކުރުމުގައި އިޙުމާލު ވެވުނީހެއްޔެވެ؟. މި ބަހުސް ކުރާކަށް މިއަދަކު ވަގުތެއްނެތެވެ. މިހާރު ތިން ހަތަރު ދުވަހުން ކޭސްތައް ފެންނަ އަދަދު 500އިން މައްޗަށް އެރީއެވެ.

ދިވެހިރާއްޖެ ކޯވިޑުން ރައްކާތެރިވެފައިވާ ނުވަތަ ކޯވިޑް މަދުން ފެންނަ ޤައުމުތަކުގައި ލިސްޓްގައި ހިމެނުމަށް ކުރާމަސައްކަތަށް އޮތީ މިއަދު ބޮޑު ގޮންޖެހުމެކެވެ. ރައްކާތެރި ޤައުމުތަކުގެ ލިސްޓަށް ރާއްޖެ ނާރާހައި ހިނދަކު އިޤްތިސާދީ ގޮތުން ވެއްޓުނު ވަޅުގަނޑުން އަރައެއް ނުގަނެވޭނެއެވެ. ވިޔަފާރިތަކެއް ކުރިއެއްނާރާނެއެވެ.

ދިގުމުއްދަތަށް ވިޔަފާރިތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން އޭރުވެސް ބޮޑެތި ގެއްލުންތައް ކުރިމަތިވިއެވެ. އަދި މިހާރު ފުރަބަންދަށް ލުއިދިންނަމަވެސް، ވިޔަފާރިއަށް ފައިދާނުވުމާއި، ވިޔަފާރިތައް ލިބުނުގެއްލުންތައް އިއާދަކުރުމަށް އެތައް ދުވަހެއް ނަގާނެކަމަށް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. ބަލިޖެހޭ މީހުންގެ އަދަދު މިދާ ރޭޓުގައި އިތުރުވަމުންދާނަމަ އަނެއްކާވެސް ފުރަބަންދަކަށް ދާންޖެހޭނެކަމުގެ އިންޒާރު ޑޮކްޓަރުންދަނީ ކެނޑިނޭޅި ދެމުންނެވެ. މިހާރު މިއޮތް ހިސާބުންވެސް ކޭސްތައް މަދުކުރުމުގެ ބާރުއޮތީ އަހަރަމެންގެ އަތްމަތީގައެވެ. ފުރަބަންދަކަށް ގޮސްގެން، އަނެއްކާވެސް މީހުން ގޭގައި ބަންދުކޮށްގެން ކޭސްތައް މަދުކުރެވިދާނެއެވެ. ނަމަވެސް ލުއިތައްދޭން ފެށުމުން މިހާރު މި ތަޖުރިބާކުރަމުންދާ ދުވަސްތަކަށް އެނބުރި ދިއުމަކީ ދުރުކަމެއް ނޫނެވެ.

ރާއްޖެ މިހާރު މިއޮތް ޙާލަތުން އެންމެ މުހިންމީ ފަރުދީ ޒިންމާއެވެ. މާސްކުއެޅުމާއި ގައިދުރުކަމުން ބަލިން ރައްކާތެރިވެވެންއޮތްއިރު މިކަންކަމަށް ހުރިހާ ފަރާތްތަކުން ސަމާލްކަންދޭންޖެހެއެވެ. ކެފޭ ރެސްޓޯރަންޓާއި ފިހާރަތާކާއި ސެލޫންތަކުގެ ޚިދުމަތްދިނުމުގައިވެސް ގައިޑްލައިންތަކަށް ތަބާވުމާއި، އަދި ކަނޑައެޅިފައިވާ ވަގުތުތަކުގައި ޚިދުމަތްދިނުން މުހިންމެއެވެ.

ކޮންމެ ދިވެއްސަކުވެސް މިވަގުތު ބޭނުންވަނީ މިހާލަތުން އަރައިގަތުމަށެވެ. ނަމަވެސް ބަލިން ސަލާމަތްވެ ކުރީގެ ޙާލަތަށް ރުޖޫޢަ ވެވޭނީ އެންމެންގެ މަސައްކަތުންނެވެ.