ރާއްޖެއިން އިތުރު 178 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެއީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 176 މީހަކާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 2 މީހެކެވެ. އޭގެތެރޭގައި ހިމެނެނީ 141 ދިވެހިންނާއި ބަންގްލަދޭޝްގެ 25 މީހަކާއި އިންޑިއާގެ 10 މީހަކާއި ސްޕެއިންގެ 2 މީހެކެވެ. މިވަގުތު 2636 މީހަކު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުން އެބަދެއެވެ. އޭގެތެރޭގައި ހިމެނެނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދާ 1458 މީހަކާއި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ 162 މީހެކެވެ. އެހެންނަމަވެސް އެންމެ ފަހުން ނެރުނު ތަފާސްހިސާބުތަކާ އަޅާބަލާއިރު ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު މިވަނީ ދަށްވެފައެވެ. އެގޮތުން މިއަދަދު 173އިން 162އަށް ވަނީ ދަށްވެފައެވެ.
އަލަށް ފެނުނު ކޭސްތަކާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުން ޖުމްލަ ޢަދަދު މިހާރު މިވަނީ 7225 އަކަށް އަރާފައެވެ. ބުދަދުވަހު އިރުއޮއްސި 18:00އާ ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، މި ބަލިން ރަނގަޅުވެފައިވަނީ 122 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 4561 އަކަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 28މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ. ރާއްޖޭގައި މި ބައްޔަށް ޓެސްޓްކުރުމަށް މިހާތަނަށް 106،909 ސާމްޕަލެއް ވަނީ ނަގާފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ބާރު ސްޕީޑެއްގައި ފެތުރޭއިރު، ބައްޔަށް ފަރުވާ ދިނުމަށް ސިއްޙީ އެހީތެރިން މަދުވަމުންދާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. އެގޮތުން މާލެ ސަރަހައްދުގައި ހުރި ކޯވިޑް-19ގެ ބަލި މީހުންނަށް ފަރުވާދޭ ފެސިލިޓީތަކަށް އަތޮޅުތަކުން ސިއްޙީ އެހީތެރިން ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.