ޚަބަރު

އިންޑިއާގެ ލޯނު އެހީގައި ފަށާ ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް ނޮވެމްބަރުގައި ފަށަނީ


އިންޑިއާ ސަރުކާރުގެ "ލައިން އޮފް ކްރެޑިޓް"ގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ، މަޝްރޫޢުތަކުގެ ތެރެއިން 34ރަށުގެ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އަންނަ ނޮވެމްބަރުމަހު ފަށާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިހާރު ބިޑަށް ހުޅުވާލާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރުޢުތަކަށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. ލައިން އޮފް ކްރެޑިޓްގެދަށުން ހިންގާ މަޝްރޫޢުތަށް ކުރިއަށްގެންދާނި އިންޑިއާގެ ކުންފުނިތަކާއި ދެވެހި ކުންފުނިތަކަށްވެސް ބައިވެރިވެވޭގޮތަށެވެ.

މި މަޝްރޫޢުތައް ބިޑަށް ހުޅުވާލުމާ ގުޅޭ ހުރިހައި ކަރުދާސްތައް ތައްޔާރުކުރަމުންދަނީ ދިވެހި ސަރުކާރާއެކު މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ގުޅިގެންކަމަށް އިންޑިއާ ހައިކޮމިޝަނުންވަނީ ވިދާޅުވެފައެވެ. ބިޑާ ގުޅޭ މަޢުލޫމާތުތަށް އިންޑިއާގެ އެގްޒިމް ބޭންކްގެ ވެބްސައިޓުން މިހާރު ލިބެން ހުންނާނެކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެފައެވެ.

ރަޢީސް އިބްރާޙިމް މުޙައްމަދު ޞާލިޙް 2018ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން އިޢުލާންކުރެއްވި 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން، ރާއްޖޭގައި އުމްރާނީ ތަރައްޤީގެ ބޮޑު 7 މަޝްރޫޢުއަކަށްދަނީ ހޭދަކުރަމުންނެވެ.