ކޯވިޑް-19

ކޯވިޑް-19 : ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ މީޑިއާތަކުން ޚާއްސަ ކެމްޕޭނެއް ހިންގަން ނިންމައިފި


ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޯވިޑް-19އާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޚާއްސަ މަސައްކަތްތަކެއް ކުރަން ނިންމައިފިއެވެ.

މި "ޚާއްސަ ކެމްޕޭން" ހިންގަން ނިންމީ، ރާއްޖޭގެ ކޯވިޑް-19ގެ ޙާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށް އެމަގަށް މަސައްކަތް ކުރުމަށްކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ.

އެގޮތުން ކޯވިޑް-19އާ ގުޅޭ ޚަބަރާއި މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށްވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެގޮތަކަށް މަސައްކަތް ކުރުމަކީ މި ޚާއްސަ ކެމްޕޭނުގެ އަމާޒެއްކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.

ކޯވިޑް-19އާ ގުޅޭ މި ޚާއްސަ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި، އިސްކަންދޭނެ ޚަބަރާއި މަޢުލޫމާތާ ގުޅޭގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ބޭފުޅުންނާއެކު މީޑިއާތަކުން ވަނީ މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފައެވެ. މި މަޝްވަރާތަކުގެ އަލީގައި މި ޚާއްސަ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތް ރާވާ އިންތިޒާމުކޮށް ހެދުމުގައި އެކިއެކި މީޑިއާތައް ހިމެނޭގޮތަށް ސްޓިއަރިން ކޮމެޓީއެއް ވަނީ އެކުލަވާލާފައެވެ.

މި ޚާއްސަ ކެމްޕޭނުގެ މަސައްކަތް ކުރިއަށް ދާނީ ހުރިހާ މީޑިއާތަކެއްގެ ބައިވެރި ވުމާއެކު ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިންކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ.