ޚަބަރު

ކޯވިޑް-19 : ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ މާފަންނުގައި


މާލޭގައި އެންމެބޮޑަށް ކޯވިޑް-19 ފެތުރެމުންދަނީ މާފަންނު ސަރަހައްދުގައިކަމަށް ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ވަނީ މާލެ ސަރަޙައްދުގައި ނިމުނު ޖުލައިމަހާއި އަދި މި ހިނގާ އޮގަސްޓްމަހު ކޯވިޑް-19ގެ ކޭސްތަށް އިތުރުވަމުން އައިސްފައިވާގޮތުގެ މަޢުލޫމާތު ޙިއްސާކޮށްފައެވެ. ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ މެންބަރު ޑރ.އަހްމަދު ޝަހީދު ވިދާޅުވީ ކޭސްތައް އިތުރުވެފައިވާގޮތަށް ބަލާއިރު، ވިލިމާލެއާއި ހުޅުމާލެއާއި މާލެ ހިމެނޭ ސަރަޙައްދުގައި އެންމެ ގިނަ ކޭތައް އެއް ސަރަޙައްދަކުން ފެނިފައިވަނީ މާލެ މާފަންނު ސަރަޙައްދުންކަމަށެވެ.

ހުޅުމާލޭގައި ކޯވިޑް-19 ފެތުރެމުންދާ ގޮތުގެ ޗާޓް

އެޗްއީއޯސީން އާންމުކުރި ޗާޓުތަކުން ފެންނަ ގޮތުގައި މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލޭގައިވެސް މުޖުތަމަޢުތެރޭގައި ބަލި ފެންނަ މިންވަރުވަނީ އިތުރުވެފައެވެ. ޚާއްސަކޮށް މި ހިނގާ އޮގަސްޓްމަހު ކޭސްތައް ވަރަށް ބޮޑަށްވަނީ އިތުރުވެފައެވެ. ހަމައެކަނި މިމަހު މިހާތަނަށްވެސް 3200އަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވެއެވެ.

"މާލޭގެ ހުރިހާ ސަރަޙައްދުތަކަށްވެސް ބަލިވަނީ ފެތުރިފައި. ޚާއްސަކޮށް މީހުން ދިރިއުޅޭ ސަރަޙައްދުތަކުގެތެރެއިން މާފަންނުން އެންމެ ގިނަ ކޭސްތަށް ފެނިފައިވަނީ" ޑރ.ޝަހީދު ވިދާޅުވިއެވެ.

ވިލިމާލޭގައި ކޯވިޑް-19 ފެތުރެމުންދާގޮތުގެ ޗާޓް

މާފަންނުން ފެނުނު ކޭސްތަކުގައި އެއް ގެއަކުން ނުވަތަ އެއް ކްލާސްޓަރއަކަށް ނިސްބަތްވާ ކޭސްތަށް ގިނައެވެ. މާލެއިން ކޯވިޑް-19 ރާއްޖެއިން ފެނުނުތާ 4 މަސްދުވަސްވެފައިވާއިރު، އޭޕްރިލް 15ގައި މާލޭއިން އެންމެ ފުރަތަމަ ފެނުނު ކޭސްވެސް ފެނިފައިވަނީ މާފަންނު ސަރަޙައްދުންނެވެ. އަދި ފުރަތަމަ ބަލި ފެތުރުނުއިރު އުފެދުނު ކޯވިޑްގެ އެންމެ ބޮޑު ކްލަސްޓަރ، މާރުކޭޓް ސަރަޙައްދު ކްލަސްޓަރއަކީވެސް މާފަންނު ކްލަސްޓަރއެކެވެ.