ޚަބަރު

ކޯވިޑް-19 : ސިއްޙީ ޚިދުމަތްތެރިން ހޯދަން އިޢުލާންކޮށްފި


ކޯވިޑް 19 ޖެހިފައިވާ ބަލި މީހުންނަށް ސިއްހީ ޚިދުމަތް ދިނުމަށް ސިއްޙީ އެހީތެރިން ހޯދުމަށް ހެލްތު މިނިސްޓްރީން އިޢުލާން ކޮށްފިއެވެ.

ހެލްތް މިނިސްޓްރީން ކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވީ، ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޯވިޑުގެ ބަލި މީހުންނަށް އަދި އެޗްއީއޯސީގައި މަސައްކަތްކުރާނެ މެޑިކަލް އޮފިސަރުންނާއި ނަރުހުންނާއި އެންރޯލްޑް ނަރުހުން އަދި ހެލްތު ވޯކަރުން ބޭނުންވާ ކަމަށެވެ.

އެކަމަށް ޝައުގުވެރިވާ މީހުން އަންނަ ހޯމަ ދުވަހުގެ ކުރިން އީމެއިލްއިން އެކަން އެންގުމަށް ހެލްތް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އީމެއިލްކުރާއިރު ލައިސަންސް އަދި ރަޖިސްޓްރޭޝަން ފޮނުވަން ޖެހޭނެކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ހެލްތް މިނިސްޓްރީން ސިއްޚީ ޚިދުމްތްތެރިން ހޯދުމަށް އިޢުލާންކޮށްފައި ވާއިރު ފްރަންޓްލައިންގައި މަސައްކަތްކުރާ 121 ސިއްޙީ އެހީތެރިން ކޯވިޑް-19 އަށް ޕޮޒިޓީވްވެފައިވާކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.

އެޗްއީއޯސީން ވަނީ ކޯވިޑް-19އަށް ފަރުވާދިނުމަށް ހަދާފައިވާ ފެސިލިޓީތަކުގައި ސިއްޙީ އެހީތެރިންގެ ދަތިކަން ވަރަށް ބޮޑުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ދިގުމުއްދަތަކަށް ކެނޑިނޭޅި މަސައްކަތަށް ނިކުންނަންޖެހުމުން އެކަމުގެ ދަތިކަން ކުރިމަތިވެފައި ވާއިރު، މިދާއިރާގައި މަސައްކަތްކުރާ މީހުން ރާއްޖޭގައި މަދުކަންވެސް އެ ސެންޓަރުން ފާހަގަކުރެއެވެ.

މީގެ އިތުރުން ކޯވިޑް ފެސިލިޓީތަކުގައި މަސައްކަތްކުރާ މީހުންނާއި މި ބައްޔާ ގުޅުންހުރި އެކި ކަންކަމުގައި ޙަރަކާތްތެރިވާ ސިއްޙީ އެހީތެރިން ބައްޔަށް ދަނީ ޕޮޒިޓިވްވަމުންނެވެ. އަދި މިގޮތަށް ގިނަ ބަޔަކު ޕޮސިޓިވްވާނަމަ ބަލިމީހުންނަށް ފަރުވާދިނުމުގައިވެސް އިތުރު ދަތިތަކާއި ކުރިމަތިލާންޖެހޭނެކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ. ކޯވިޑް-19 ޖެހިފައިވާ މީހުންނަށް ފަރުވާދިނުމަށް ވަޞީލަތްތައް ހުރިނަމަވެސް ހިއުމަން ރިސޯސްނެތްކަމުގައި ވަނީނަމަ ފަރުވާދިނުމަށް އުނދަގޫވާނެކަމަށް އެޗްއީއޯސީން ހާމަކުރައްވައެވެ.

ރާއްޖެއިން މިހާތަނަށް 6912 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.