ކޯވިޑް-19

ކޯވިޑް-19 : ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ ޢަދަދު 171އަށް، ވެންޓިލޭޓަރުގައި 5 މީހަކު


ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާމީހުންގެ ޢަދަދު 171 އަކަށް އަރައިފިއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗް.އީ.އޯ.ސީ)އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ، ރާއްޖޭން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 6912 އަށް އަރާފައިވާއިރު، 1458 މީހަކު މިވަގުތުވެސް އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ހޯދަމުންދާކަމަށެވެ. އަދި ހޮސްޕިޓަލުގައި ފަރުވާދޭ މީހުންގެ ޢަދަދު 171އަށް އަރާފައިވާކަމަށެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ތަފާސްހިސާބުތައް ޙިއްސާކުރައްވަމުން ޑރ.ނަޒްލާ ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގައި 5 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާކަމަށާއި، އޭގެ ތެރެއިން 3 މީހަކު ވެންޓިލޭޓަރުގައި ފަރުވާ ހޯދަމުންދާކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 16ވަނަ ފަންގިފިލާގައި އެކަކަށް ވޯޑުގައި ފަރުވާދެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 159 ފަރުވާދެމުންދާކަމަށާއި، އޭގެ ތެރެއިން 5 މީހަކު އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، 2 މީހަކު ވެންޓިލޭޓަރަަށް ލާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ ކޯވިޑް-19ގެ މެޑިކަލް ފެސިލިޓީތަކަށް ބަލާލާއިރު، މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދެމުންދަނީ އެންމެ ފެސިލިޓީއެއްގައެވެ. އެއީ ބ.އޭދަފުށީގައި ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީގައެވެ. އެތަނުގައި ފަރުވާ ދެމުންދަނީ އެކަކަށެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 2588 އެވެ. މީގެ ތެރެއިން 2513 ކޭސްއަކީ ގްރޭޓަރ މާލޭ ސަރަޙައްދުން ފެނިފައިވާ ކޭސްތަކެވެ. އަދި އަތޮޅުތަކުން 51 ކޭސް ފެނިފައިވާއިރު، ރިސޯޓުތަކުން 24 ކޭސް ވަނީ ފެނިފައެވެ.