ކޯވިޑް-19

އެގްސިޓް ސާމްޕަލް ނެގޭނެ އިންތިޒާމް ހުޅުމާލޭ ފްލޫ ކްލިނިކުގައިވެސް ހަމަޖައްސައިފި


ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ދިމާވެފައިވާ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހަދަންޖެހޭ އެގްޒިޓް ސާމްޕަލް ނެގޭނެ އިންތިޒާމް ހުޅުމާލޭގައިވެސް ހަމަޖައްސާފައިވާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19 ޖެހިފައިވާ މީހުންނާއި ކޮންޓެކްޓްވާ މީހުން ހޯމް ކަރަންޓީނުގައި 14 ދުވަސް ހަމަކުރުމަށްފަހު ހަދަންޖެހޭ އެގްޒިޓް ސާމްޕަލް ނެގޭނެ އިންތިޒާމް މިހާރު ހުޅުމާލޭގައި ހަމަޖައްސާފައިވާކަމަށެވެ. ހުޅުމާލޭގައި އެ އިންތިޒާމް ހަމަޖައްސާފައިިވަނީ ހުޅުމާލޭ ޕްރީސްކޫލުގައި ޤާއިމުކޮށްފައިވާ ފްލޫ ކްލިނިކުންކަމަށާއި، އެ ކްލިނިކުން އެގްޒިޓް ސާމްޕަލް ނެގުމުގެ ޚިދުމަތް މެންދުރުފަހު 3 އިން ރޭގަނޑު 9 އަކަށް ލިބޭނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އޭރުގައި ހުޅުމާލޭގައި އިތުރު ފެސިލިޓީއެއް ނެތީމަ ކުރިން އެ އިންތިޒާމް ހަމަނުޖެއްސުނީ. މިހާރު އަޅުގަނޑުމެން މިކަން އިންތިޒާމްކުރެވިފައިވާނެ ހުޅުމާލޭ ޕްރީސްކޫލުގައި ތައްޔާރުކޮށްފައި ހުރި ފްލޫ ކްލިނިކްގައި. ހުޅުމާލޭ ފްލޫ ކްލިނިކުގައި އެގްޒިޓް ސާމްޕަލް ނެގޭނެ މެންދުރު 3 އިން ރޭގަނޑު 9 އަކަށް. މާލޭގައި މާފަންނު މަދަރުސާގައި ހެނދުނު 9 އިން ރޭގަނޑު 9 އަށް އެގްޒިޓް ސާމްޕަލިންގ ހެދޭނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް އެގްޒިޓް ސާމްޕަލް ނަގަންދާންޖެހޭ ދުވަސް އަންގައިދިނުމަށް އެސް.އެމް.އެސް ކުރުމުގައި މި ދެތިން ދުވަހު ދަތިތަކެއް ކުރިމަތިވީ، ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު އެކަން ޙައްލުކޮށް، ކުރިއެކޭވެސް އެއްގޮތަށް ސާމްޕަލް ނަގަންދާންޖެހޭ ދުވަސް އެ ފަރާތްތަކަށް އެސް.އެމް.އެސް މެދުވެރިކޮށް އަންގަމުންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހޯމް ކަރަންޓީން ފުރިހަމަ ކުރާ ފަރާތްތަކަށް ޓެސްޓްކުރެވޭނެ އިންތިޒާމް މާފަންނު މަދަރުސާގައާއި ހުޅުމާލޭ ފްލޫ ކްލިނިކުގައި ހަމަޖައްސާފައިވީނަމަވެސް، އުމުރުން ދުވަސްވީ ފަރާތްތަކާއި، ގޭގައި ބަލިދާނުގައި ތިބޭ ފަރާތްތަކާއި، ތަފާތު ބަލިތަކުގެ ސަބަބުން ބޭރަށް ނުކުތުމަށް އުނދަގޫވާ ފަރާތްތަކުގެ ސާމްޕަލް ނަގަމުންދާނީ ރެޕިޓް ރެސްޕޯންސް ޓީމް، އާރް.އާރް.ޓީގެ ފަރާތުން އެ ފަރާތެއްގެ ގެއަށްގޮސްކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ.