ޚަބަރު

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުށަހެޅުމުގެ މުއްދަތު އިތުރުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހެޅުމުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރުކުރައްވައިފިއެވެ.

އެ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކުރައްވާފައި ވަނީ 3 ސެޕްޓެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30ގެ ނިޔަލަށެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ސެޕްޓެންބަރު 1، 2 އަދި 3 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް އެއޮފީހުން ވިދާޅުވެއެވެ.

އެންއައިސީގެ ތިން މެންބަރަކު އިސްތިއުފާ ދެއްވުމުން އެކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވައިލެއްވީ މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހުއެވެ. އެންއައިސީގެ ނާއިބް ރައީސް ހައްސާން ހަމީދާ، މެންބަރު ހަދީޖާ އަބްދުﷲގެ އިތުރުން ކޮމިޝަންގެ މެންބަރު އަހުމަދު އަމީން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ޖުލައި މަހުގެ 12ވަނަ ދުވަހު ހުޅުއްވާލެއްވި ފުރުސަތުގެ ފަހުން އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިކަމަށް މިމަހުގެ 11ވަނަ ދުވަހު ރައީސް އޮފީހުން ހާމަކުރައްވާފައިވެއެވެ. އަދި އެދުވަހު ވަނީ އެންއައިސީގެ އިތުރު މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ އެމަޤާމަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

އެންއައިސީގެ ރައީސްކަމުގައި ހުންނެވި އަޙްމަދު ސުލައިމާން އެމަޤާމުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދެއްވުމަށް ޖުލައި މަހުގެ 21 ވަނަ ދުވަހު މަޖިލީހުން ފާސްކުރެއްވުމާއި ގުޅިގެން މިމަހުގެ 10ވަނަ ދުވަހު އޭނާވަނީ މަޤާމުން ވަކިކޮށްފައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރުމާއި، އެފަދަ ޢަމަލެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަޙްޤީޤުކުރުމަށް އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ.