ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ބަލީގައި ނިޔާވި ދިވެހިންގެ އަދަދު 17އަށް


ކޯވިޑް-19 ޖެހިގެން އައިސީޔޫގައި ފަރުވާދެމުންދިޔަ ދިވެހި އަންހެންކު ނިޔާވެ މިބަލީގައި ނިޔާވި ދިވެހިންގެ ޢަދަދު 17 އަށް އިތުރުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވީ މި ބަލީގައި މިއަދު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 64 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ.

މިއާއެކު މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިވަނީ 23އަށް އަރާފައެވެ. މިހާތަނަށް މިބަލިޖެހިގެން ނިޔާވެފައިވަނި 17 ދިވެހިންނާއި 6 ބިދޭސީންނެެވެ.

މި އޮގަސްޓް މަސް ފެށުނު ފަހުން މި ބަލީގައި މިހާތަނަށް 7 މީހަކު ނިޔާވެފައިވާއިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު ވަނީ އިތުރުވެފައެވެ. މިހާރުވެސް 146 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވާނަމަ ނިޔާވާ މީހުންގެ ޢަދަދުވެސް އިތުރުވާނެކަމުގެ ކަންބޮޑުވުން ޑޮކްޓަރުން ވަނީ ފާޅުކުރައްވާފައެވެ.

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގައި އިއުލާންކުރި ފުރަބަންދަށް ލުއިތައް ދިންފަހުން މިބަލި ޖޭހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް 5,785 މީހަކަށް ކޯވިޑްޖެހިފައިވާއިރު މީގެތެރެއިން 2414 މީހަކު މިހާރުވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ. މި ބަލިން ރަނގަޅުވެފައިވަނީ 3349 މީހުންނެވެ. މި ބަލި މާލޭގައި ފެތުރެމުން އަންނައިރު ރާއްޖޭގެ އެހެން ރަށްތަކުގައި ފުރަބަންދު ކަރަންޓީންގައި ތިބި ބައެއްމީހުން މިބައްޔަށް އަންނަނީ ޕޮޒިޓިވްވަމުންނެވެ.