ޚަބަރު

ކަނޑަށް ތެޔޮއެޅި ތަޣައްޔަރުވުމުން ރާއްޖެ ސަލާމަތްކުރުމަށް ޖަޕާނުން 2.8 މިލިއަން ޑޮލަރުގެ އެހީއެއް


ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތަކަށް ތެޔޮއެޅި ތަޣައްޔަރުވާ ހާލަތެއްގައި ސާފުކުރުމަށާއި ގެއްލުންތައް ކުޑަކުރުމަށް 2.8 މިލިއަން ޑޮލަރުގެ ސާމާނު ޖަޕާނުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިއީ ރާއްޖޭގެ ކަނޑަށް ތެޔޮއެޅި ތަޣައްޔަރުވުމުން ސަލާމަތްކުރުމަށްޓަކައި ޖަޕާނު ސަރުކާރުން ވެދެއްވި ބޮޑު އެހީއެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. ޖަޕާނުން ދިން މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް އެހީގެ ދަށުން ކަނޑަށް އެޅޭ ތެޔޮ ނެގުމަށް ބޭނުންވާ ގިނަ ސާމާނު ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ހުޅުމާލޭ ކޯސްޓުގާޑަށް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ޙަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިއެވެ. އަދި މިސާމާނާ ދިވެހި ސަރުކާރުގެ ފަރާތުން ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ. ރާއްޖޭގެ ފަރާތުން ޖަޕާނުގެ އެހީ އާއި ޙަވާލުވެވަޑައިގެން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ ރާއްޖެ އާއި ޖަޕާނާއި ދެމެދު އޮންނަނީ ދިވެހިންނަށް އެތައް ގޮތަކުން އެހީތެރިކަން ފޯރުކޮށްދޭ ފަދަ ގާތް ރަޙުމަތްތެރިކަމެއްކަމަށެވެ. އެކަމަނާގެ ވާހަކަފުޅުގައިވަނީ ޖަޕާނުން ރާއްޖެއަށް ޒަމާނުއްސުރެ އެކި ދާއިރާތަކުން ވެދެއްވާފައިވާ ގިނަގުނަ އެހީތެރިކަމަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.

ޖަޕާނުން ރާއްޖޭގެ ކަނޑުތަކުގެ ރައްކާތެރިކަމަށްޓަައި މިފަހަރު ވެދެއްވި އެހީތެރިކަމަކީ އެކަމަށް ދިވެހިން އެދިއެދި ތިބިފަދަ މުހިއްމު އެހީއެއްތެރިކަމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކެއިކޯ ޔަނާއި ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމަކީ މިސަރަޙައްދުގެ ޤައުމުތަކުގެ ވިޔަފާރިއާއި ގުޅިފައިވާ ކަމެއްކަމަށާއި އަދި ރާއްޖޭގެ ފަތުރުވެރިކަމާވެސް ގުޅިފައިވާ ކަމެއްކަމަށެވެ. އެހެންކަމުން ވިޔަފާރީގެ މުހިއްމު މި ރޫޓުގެ ސަލާމަތަށް މަސައްކަތްކޮށް ރާއްޖޭގެ އިގްތިޞާދު ޙިމާޔަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް ސަފީރު ޔަނާއި ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މެރިޓައިމް ޕޮލިއުޝަން ރެސްޕޮންސް ވަރުގަދަކުރުމަށްޓަކައި ޖަޕާނުން 2.8 މިލިއަން ޑޮލަރުގެ ސާމާނު ރާއްޖެއަށްވަނީ ހަދިޔާކޮށްފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާއިރު ގާތްގަނޑަކަށް 43 މިލިއަން ދިވެހި ރުފިޔާއެވެ. އެހީގެ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު މިދާއިރާއިން ކޯސްޓްގާޑްގެ 5 އޮފިސަރުން ޖަޕާނުގެ މެރިޓައިމް ޑިޒާސްޓަރ ޕްރިވެންޝަން ސެންޓަރުގައި ވަނީ ތަމްރީނުކޮށްފައެވެ.

މިއޮފިސަރުންގެ ތަމްރީނުތައް ރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ބައްލަވާލައްވައި މިދާއިރާއިން ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ރައިސްވަނީ ޖަޕާނު ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

ރާއްޖޭގެ ކަނޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި ކޯސްޓްގާޑަށް އެހީތެރިވެ އެމަސައްކަތް އިތުރަށް ފުޅާކުރުމަށް ޖަޕާނު ސަރުކާރުން ވެދިން އެހީގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވުމުން ރައްކާތެރިކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.