ރާއްޖޭގައި ބިދޭސީން ހަމަނުޖެހުމެއް ހިންގަފާނެކަމަށް ބަލައި ދިވެހި ފުލުހުން ތިބީ އެކަން ހުއްޓުވުމަށް ތައްޔާރަށްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއްޖެއެވެ.
ކޯވިޑް-19ގެ ސަބަބުން ދިމާވި އިޤްތިޞާދީ ހީނަރުކަމާއެކު މުސާރަ ނުލިބުމުގެ މައްސަލަތަކާއި ގުޅިގެން ބިދޭސީން ވަނީ އެކި ފަހަރުމަތިން މަގުމައްޗަށް ނިކުމެ މުޒާހަރާކޮށްފައެވެ.
ކޯވިޑް-19ގެ އެންމެ ފަހުގެ މަޢުލޫމާތު ގެނެސްދިނުމަށް ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ލައިވް ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، ދިވެހިންނެކޭ އެއްފަދައިން ބިދޭސީންގެ ޙާލަތުވެސް ފުލުހުން ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން ގިނައަދަދަކަށް ބިދޭސީން އެއްވެ އުޅޭ ތަންތަނާއި، ބިދޭސީން ނިދައި ކައިބޮއި ހަދާތަންތަނުގެ ޙާލަތު މިހާރުވެސް ބަލަމުންއަންނަކަމަށް އަބުދުﷲ ޝަރީފް ވިދާޅުވިއެވެ. މީގެ ކުރިން ބިދޭސީން އުޅެމުންދިޔަ 135 ތަނެއް ކޮންޓެއިންމެންޓް ސައިޓްތަކުގެ ގޮތުގައި ބަލަހައްޓާފައިވާކަން ފާހަގަކުރައްވާ، އަބްދުﷲ ޝަރީފް ވަނީ މިފަދަ ކޮންޓެއިންމެންޓް ސައިޓެއް މިވަގުތު ބަލަމުން ނުދާކަމަށް ވިދާޅުވިއެވެ.
މިގޮތަށް ކުރިއަށްގެންދާ މޮނީޓަރިންގެ ތެރެއިން ބިދޭސީން މަގުމަތީގައި އެއްވެ އުޅުމާއި ޕާކުތައް ފަދަ އާންމު ތަންތަނުގައި އުޅޭއިރު އެޗްޕީއޭގެ ގަވައިދުތަކާއި ޚިލާފުވާކަން ފާހަގަކުރެވޭކަމަށް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ. އަދި ގަވައިދުތަކާއި ޚިލާފަށް ބިދޭސީން ގިނަ ބަޔަކު އެއްވެގެން ކުޅޭ ކުޅިވަރު ކުޅުމުގެ މައްސަލަތައްވެސް ރިޕޯޓްކޮށްފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މިފަދަގޮތަކަށް ކަންކަން ހުރިއިރު މި ޙާލަތުގައި ބިދޭސީންގެ ސަބަބުން ދިމާވާނެ ކަމަކާއި ގުޅިގެން ހިނގާފާނެ ހަމަނުޖެހުމަކަށް ފުލުހުން ތިބީ ތައްޔާރަށްކަމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިދަނީ ބިދޭސީންގެ ހާލަތުވެސް ގާތުން މޮނީޓަރ ކުރަމުން. ފާހަގަކުރެވޭ ބައެއް ކަންކަމަށް ބަލާއިރު، ބިދޭސީން މަގުމަތީގައި އެއްވެ އުޅުމާއި ޕާކުތައް ފަދަ އާންމު ތަންތަނުގައި އުޅޭއިރު އެޗްޕީއޭގެ ގަވައިދުތަކާއި ޚިލާފުވާކަން ފާހަގަކުރެވޭ. ބިދޭސީން ގިނަ ބަޔަކު އެއްވެގެން ކުޅޭ ކުޅިވަރު ކުޅުމުގެ މައްސަލަތައްވެސް ރިޕޯޓްކޮށްފައިވޭ. މި ޙާލަތުގައި ބިދޭސީންގެ ސަބަބުން ދިމާވާނެ ކަމަކާއި ގުޅިގެން ހިނގައިފާނެ ހަމަނުޖެހުމަކަށް ފުލުހުން މިތިބީ ތައްޔާރަށް" ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
ކޯވިޑް-19ގެ ސަބަބުން ދިމާވި އިޤުތިޞާދީ ހީނަރުކަމާއިއެކު މުސާރަ ނުލިބުމުގެ މައްސަލަތަކާއި ގުޅިގެން ބިދޭސީން ވަނީ އެކި ފަހަރުމަތިން މަގުމައްޗަށް ނިކުމެ މުޒާހަރާކޮށްފައެވެ. އެގޮތުން ބ.އަތޮޅުގައި ރިސޯޓެއް ތަރައްޤީ ކުރަމުން ދިޔަ ބޮޑުފިނޮޅުގައި، ހަމަނުޖެހުންތައް ހިންގައި ދިވެހިންގެ ބަޔަކު އެރަށުގައި ރަހީނުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ބިދޭސީންނެއް ވަނީ ހައްޔަރުވެސް ކޮށްފައެވެ. އެފަދަ މީހުންނާއި، ޤަވައިދާއި ޚިލާފަށް ރާއްޖެ އައިސްފައިވާ ބިދޭސީން ޑިޕޯޓްކުރުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީއާއި އިމިގްރޭޝަނުން ގުޅިގެން ދަނީ ކުރަމުންނެވެ. މީގެ އިތުރުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ފުލުހުންނާއި ކުރިމަތިލައި، ތަކެއްޗަށް ގެއްލުންދިން މައްސަލައިގައި 41 ބިދޭސީއަކު ފުލުހުންގެ ބެލުމުގެދަށަށް ވަނީ ގެންގޮސްފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ވަނީ، މުޒާހަރާތަކާއި ގުޅިގެން ޑީޕޯޓްކުރާ ބިދޭސީންވެސް، ޑީޕޯޓްކުރަނީ އެމީހުންގެ ޙައްގުތަކަށް އުނިކަން ނާންނާނެހެން އުސޫލުގެ ތެރެއިން ކަމުގައި ވިދާޅުވެފައެވެ. މުސާރަ ނުދީގެން އިޙުތިޖާޖުކުރި މީހުންގެ ޙައްގުތަށް ހޯދައިދިނުމަށް ކަމާގުޅޭ މުޢައްސާތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށް އެ މިނިސްޓްރީއން ވިދާޅުވެއެވެ.