ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ހިންގުން އިސްލާހު ކުރަން އެދި އެ ޖަމާއަތުގެ ރައީސް ޖިއާނީ އިންފަންޓީނޯ ގައުމުތަކަށް ފޮނުއްވި ސިޓީ އަކީ އިންތިހާބު ކާމިޔާބު ކުރަން ހެދި ބޮޑު މަކަރެއް ކަމަށް ޖަރުމަނު އެފްއޭއިން ބުނެފި އެވެ.
ޖަރުމަނު ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަދި ފީފާ ކައުންސިލްގެ ވެސް މެމްބަރު ބާންޑް ނިއުއެންޑޯފް ވިދާޅުވީ ފީފާ އިސްލާހު ކުރަން ޖެހޭކަން އިންފަންޓީނޯ ވިދާޅުނުވިޔަސް އެންމެނަށް ވެސް އެނގޭ ކަމަށެވެ. އަދި އިންފަންޓީނޯ އަކީ މިހާރު އިތުބާރު ގެއްލިފައިވާ ބޭފުޅެއް ކަމަށާއި ފީފާ އިސްލާހު ކުރާނަމަ އެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނަވަން އިންފަންޓީނޯ މިހާރު ޝަރުތު ފުރިހަމަނުވާ ކަމަށެވެ.
"މިއީ އިންތިހާބު ކާމިޔާބު ކުރަން ކުރާ ކަމެއް. ފީފާ އިސްލާހު ކުރަންޖެހޭކަން އިންފަންޓީނޯ ސިޓީ ނުފޮނުވިޔަސް އެނގެ. އެއީ ކުރަން ޖެހިފައިވާ ކަމެއް. ދެން އިންފަންޓީނޯ އަކީ މި މަސައްކަތް ކުރާއިރު ފީފާގައި ހުންނަންޖެހޭ މީހެއް ނޫން. އޭނާގެ މިފަދަ މަކަރުވެރިކަމުން އަލުން އިތުބާރެއް ނުހޯދޭނެ،" ނިއުއެންޑޯފް ވިދާޅުވި އެވެ.
ފީފާގެ މެމްބަރު 211 ގައުމަށް ފޮނުވި ސިޓީގައި އިންފަންޓީނޯ އެދިވަޑައިގެންފައިވަނީ ފީފާ ކައުންސިލް މެދުވެރިކޮށް، ފީފާގެ މެމްބަރުން އެޖަމާއަތުގެ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތަކާމެދު ހިޔާލު ދިނުމަށާއި އެކަމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުން ފީފާގެ ހިންގުން ހަރދަނާ ކުރެވޭނެ ގޮތްތައް ހޯދަން މެމްބަރު ގައުމުތަކާއެކު މަޝްވަރާކުރާނެ ދާއިރާތަކަކީ އެ ޖަމާއަތުގެ ހިންގުމާއި ރައީސަށް ލިބިގެންންވާ ބާރުތަކާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރޭގައި ފީފާ އާއި ފީފާގެ ރައީސް މަސައްކަތް ކުރާނެ ގޮތްތަކާއި ޒިންމާދާރު ކުރުވޭނެ ގޮތްތަކާ މެދު ކަމަށެވެ.
ކުރީގެ ރައީސް ސެޕް ބްލެޓާ މަގާމުން އިސްތިއުފާ ދެއްވުމުން އިންފަންޓީނޯ އިންތިހާބުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން މާބޮޑު ވާދަވެރިކަމެއްނެތި ފީފާގެ ރައީސްކަން ކުރައްވަމުން ގެންދެވި އިންފަންޓީނޯ އަށް މައްސަލަތައް ދިމާވީ މިދިޔަ ޖުލައި މަހު އެމެރިކާގައި ނިމުނު ވޯލްޑް ކަޕަށް ފަހު އެވެ.
އެއީ އެ މުބާރާތަށް ފަހު ވޯލްޑް ކަޕް ރާވައި ހިންގުމަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ބައެއް ވިޔަފާރިވެރިންނަށް ވިއްކާލަން އުޅުއްވުމުންނެވެ. މިކަމަކީ ފީފާގެ ކައުންސިލާ ވެސް މަޝްވަރާ ކުރުމެއްނެތި އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށް އިންފަންޓީނޯ ވަނީ ޕްރެޝަރު ބޮޑުވުމުން އިއުތިރާފްވެވަޑައިގެންފަ އެވެ.
މިކަމާ ގުޅިގެން އިންފަންޓީނޯ އިސްތިއުފާ ދެއްވުމަށާއި އޭނާގެ ބަދަލުގައި އަންނަ މާޗު މަހު ފީފާގެ ރައީސް ކަމަށް އައު ބޭފުޅަކު ހޮވަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޔޫރަޕާއި ކޮންކާކަޕް އަދި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާއިންނެވެ.