ޚަބަރު

ޒީނާ ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލިސް ރައީސް އަންގަވައިފި


ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް އަންގަވައިފިއެވެ.

ބްރޯޑްކޮމްއިން ޒީނާ ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށް ކޮމިޓީން ފާސްކޮށް މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން އެކަން މަޖިލީހުގެ ރައީސަށް އަންގަވާފައިވަނީ މިދިޔަ ހަފްތާގައެވެ. މީގެކުރިން ބްރޯޑްކޮމްގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވި ފާތުމަތު ޒައިނާވެސް މަޖިލީހުން ވޯޓު ނަގައިގެން މެންބަރުކަމުން ވަނީ ވަކި ކޮށްފައެވެ.

ބްރޯޑް ކާސްޓިން ކޮމިޝަންގެ މެމްބަރުންނާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ބަލާފައިވާ މައްސަލަތަކުގެ ތެެރޭގައި ކޮމިޝަންގެ މެމްބަރުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރުމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި، ވަކި ސިޔާސީ ނުފޫޒުތަކަށް މައްސަލަތައް ނިންމުންފަދަ މައްސަލަތައް ހިމެނެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންގެ މައްސަލަތައް މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން ބަލާފައި ވާއިރު، ކުރީގެ ކޮމިޝަންގައި ހިމެނޭ މެމްބަރުންގެ ތެރެއިން ރައީސްގެ މަޤާމު ފުރުއްވި މުހައްމަދު ޝަހީބާއި ކޮމިޝަންގެ މެންބަރު އިސްމާޢީލް ޞަފްވާނާއި، ޙަސަން ނަބާޙު ވަނީ މެންބަރުކަމުން އިސްތިއުފާދެއްވާފައެވެ. ޞަފްވާން މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން ވަޒީފާއަށް ނިކުމެވަޑައިނުގެން މުސާރަ ނެންގެވުމަށްފަހުއެވެ. އަދި ކޮމިޝަންގެ މެމްބަރު ފާތިމަތު ޒައިނާ މަޤާމުން ވަކިކޮށްފައި ވަނީ މަޖިލީހުގައި އިތުބާރު ނެތްކަމަށް ވޯޓެއްގައި ފާސްވުމުންނެވެ.