ތަޢުލީމު

ހިލޭ ޑިގްރީގެ ފުރުޞަތު މިހާތަނަށް 6000 އަށްވުރެ ގިނަ ދަރިވަރުން ވަނީ ދީފައި!


ސަރުކާރުން ކުރިއަށްގެންދާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 6155 ދަރިވަރަކަށް ފުރުސަތު ދީފައިވާކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމަށް ކުދިންގެ އަތުން ހޭދަވާ މިންވަރު މަދުކޮށް، ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބުރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ އުސޫލު ތަންފީޒުކުރަން ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުގައެވެ. އަދި 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށް ދަރިވަރުންނަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ފަހިކޮށްދިނެވެ. މީގެ ސަބަބުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު އިތުރުވެގެންދިޔަކަން އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.

އެގޮތުން މިހާތަނަށް ޖުމްލަ 6155 ދަރިވަރަކަށް މި ޕްރޮގްރާމުގެ ތެރެއިން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމަށް މިހާތަނަށް 135،796،991.89 (ސަތޭކަ ތިރީސް ފަސް މިލިއަން ހަތް ސަތޭކަ ނުވަދިހަ ހަ ހާސް ނުވަ ސަތޭކަ ނުވަދިހަ އެއް ރުފިޔާ އަށްޑިހަ ނުވަ ލާރި) ދައުލަތުން ޚަރަދުކޮށްފައިވާކަމަށް އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ސްޓޫޑެންޓް ލޯނު ސްކީމާއި، ސްކޮލަރޝިޕް ފުރުޞަތުތަކުގެ ބައެއް ތަފާސް ހިސާބުތައް އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ސްޓޫޑެންޓް ލޯން ސްކީމް ޕްރޮގްރާމުގެ ދަށުން މިހާތަނަށް 763 ދަރިވަރަކަށް އެ މިނިސްޓްރީން ވަނީ ލޯނު ދޫކޮށްފައެވެ. މި ލޯނުތަކަށް ސަރުކާރުން މިހާތަނަށް 205،280،135.41 (ދުއިސައްތަ ފަސް މިލިއަން ދުއިސައްތަ އަށްޑިހަ ހާސް އެއް ސަތޭކަ ތިރީސް ފަސް ރުފިޔާ ސާޅިސް އެއް ލާރި) ޚަރަދުކޮށްފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން 272 ދަރިވަރަކަށް މަތީ ތަޢުލީމަށް ކިޔެވުމަށް ސްކޮލަރޝިޕް ފުރުޞަތުދީފައިވާކަމަށްވެސް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މަތީ ތައުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ދޭ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމަށާއި ހިލޭ ފަސްޓް ޑިގްރީ އާއި ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި ސްކޮލަރޝިޕްތަކަށް 750 މިލިއަން ރުފިޔާ މިއަހަރު ފާސްކުރި ދަޢުލަތުގެ ބަޖެޓުގައިވަނީ ކަނޑައަޅާފައެވެ. މިއީ ވޭތުވެދިޔަ އަހަރުތަކާއި އަޅާބަލާއިރު މަތީ ތަޢުލީމަށް ސަރުކާރުން އެންމެ ބޮޑު ޚަރަދެއް ކުރާ އަހަރެވެ.

ސަރުކާރުން ފަށާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން ޤައުމީ ޔުނިވަރސިޓީއާއި އިސްލާމީ ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް މުޅި ކޯސް ހިލޭ ކޮށްފައިވާއިރު، އަމިއްލަ ކޮލެޖުތަކުން ޑީގްރީ ހަދާ ދަރިވަރުންގެ ކޯހުގެ ވަކި އިންސައްތައެއް ސަރުކާރުން ދޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން އަމިއްލަ ކޮލެޖުތަކުން ކިޔަވާ ދަރިވަރުންނަށް ކޯސް ފީ ހިލޭކޮށްދެނީ %40 އާއި %60 އާ ދެމެދުގެ އަދަދަކަށެވެ.