ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުން ލަދުވެތިގޮތަކަށް ބާސެލޯނާ ބަލިވުމާ ގުޅިގެން އެކުލަބުގެ ކަންކަން ރަނގަޅުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެކުލަބުގެ ކުއްލި ބޯޑު ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމައިފިއެވެ.
މި ބައްދަލުވުމުގައި އެންމެ ބޮޑަށް މަޝްވަރާކުރާނެ އެއްކަމަކީ ކުލަބުގެ އާ އިންތިޚާބު ބޭއްވުމާ ބެހޭ ގޮތުންނެވެ. ނަމަވެސް ސްޕޭނުގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން އަވަސް އިންތިޚާބެއް ބާއްވަން ކުލަބުގެ މިހާރުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު އިސްތިޢުފާދިނުމަށް އެއްބަސްނުވާނެ ކަމަށްވެއެވެ.
މީގެ އިތުރުން އަންނަ ސީޒަނަށް ގެންނާނެ ކުޅުންތެރިންނާއި މިހާރު ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް ދޫކޮށް ކުލަބަށް ގެންނާނެ ބަދަލުތަކާމެދު ވެސް މަޝްވަރާކުރާނެއެވެ.
ބާސެލޯނާއިން ދަނީ ކުލަބަށް އާ ކޯޗަކު ވެސް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މި ގޮތުން މިހާރުގެ ކޯޗު ކީކޭ ސެޓިއެން އެންމެ ލަސްވަގެން މާދަމާ ވަކިކުރުމަށް ވެސް ވަނީ ނިންމައިފައެވެ. މީގެ އިތުރުން ކުލަބުގެ އެތެރޭގެ މަގާމުތަކަށްވެސް ބަދަލު ގެނައުމަށް ވަނީ މަޝްވަރާކުރަން ނިންމައިފައެވެ.