ޚަބަރު

ދެވަނަ ޓާމުގެ ކިޔެވުން ނިމޭނީ ޖޫން މަހު، އައު ދިރާސީ އަހަރު ފެށޭނީ އަންނަ އަހަރުގެ އޮގަސްޓުގައި


މި އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭ ދުވަހާއި އަންނަ އަހަރުގެ ދިރާސީ އަހަރު ފެށޭ ދުވަހަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އެކަޑަމިކް ކަލަންޑަރަށް ބަދަލުގެނެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އައު ކަލަންޑަރު މިއަދު އާންމު ކުރައްވާފައެވެ.

އައު އެކަޑަމިކް ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމޭނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ. އަދި މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ ޖޫންމަހުގެ 24ގައެވެ. އަދި އައު ދިރާސީ އަހަރު ފެެށޭނީ އަނަން އަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ.

އައު އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފެށޭނީ އަންނަ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ޗުއްޓީ ނިމި ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ގެނައި މިބަދަލަކީ ދާއިމީކޮށް ގެންނަ ބަދަލެއްގެ ގޮތުގައި އަދި ކަނޑަނާޅާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސްކޫލްތައް ބަންދުކޮށް ދަރިވަރުންނަށް ކިޔަވައިދެމުން އަންނަނީ އޮންލައިން އެކި ޕްލެޓްފޯމްތަކުގައެވެ. އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ފުރަބަންދަށް ދިން ލުއިތަކާއެކު މާލޭގެ ސްކޫލްތައް ފިޔަވާ އެހެން ރަށްތަކުގެ ސްކޫލްތަކުގެ ކިޔެވުން މިދިޔަ ޖުލައިމަހުގެ އެއްވަނަ ދުވަހުން ފެށިގެންވަނީ ފަށާފައެވެ. އަދި މާލޭގެ ސްކޫލްތައްވެސް ހުޅުވުމަށް ޢީދު ބަންދާއި މިއަހަރުގެ މިޑްޓާމްގެ ޗުއްޓީއަށްފަހު އަލުން ހުޅުވުމަށް ތައްޔާރުވިނަމަވެސް މާލެ ސަރަޙައްދުގައި ކޯވިޑްގެ ކޭސްތައް އިތުރުވުމާއި ގުޅިގެން އަނެއްކާވެސް ވަނީ މާލޭގެ ސްކޫލްތައް ހުޅުވުން ފަސްކޮށްފައެވެ. އެގޮތުން މިމަހުގެ 19 ވަނަ ދުވަހާ ހަމައަށް ސްކޫލަށް ދަރިވަރުން ހާޒިރު ނުވެ ކިޔެވޭނެގޮތަށް އޮންލައިން ޕްލެޓްފޯމްތަކުގައި ކިޔަވަދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް-19ގެ ޙާލަތު ދިމާވުމުގެ ކުރިންވެސް އެކެޑެމިކް ކަލަންޑަރަށް ބަދަލުތަކެއް ގެނައުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގެންދެވީ ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރައްވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެތެރޭގައި މިމަޝްވަރާތައް ފެއްޓެވީ ރާއްޖޭގެ ދިރާސީ އަހަރު ނިމި ޗުއްޓީ ފެށޭ ދުވަސްވަރާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި އެންމެ ޕީކް ސީޒަނާ ދިމާވާތީ އެދާއިރާގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންތަކަކަށް އަނބިދަރިންނާއެކު ޢާއިލީ އުފާވެރި ދުވަސްކޮޅެއް ނުލިބޭ ކަމުގެ ޝަކުވާ އިތުރުވުމާ ގުޅިގެންނެވެ. އެހެންނަމަވެސް މިމަޝްވަރާތައް ވަކިކޮޅެއްގައި ނުޖެހި އުޅެނިކޮށް ކޯވިޑް-19ގެ ޙާލަތު ދިވާމެ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލަންޖެހި ތަޢުލީމީ ދާއިރާއަށްވެސް ބޮޑެތި ގޮންޖެހުންތަކެއް މިވަނީ ދިމާވެފައެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއި އާންމުންގެ ޚިޔާލާއިއެކު ގިނަ މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.