ޚަބަރު

ނިޔާވި ފަހުން އައިސޮލޭޝަނަށް ގެންދިއުމަށް ގުޅުނުމީހާގެ އާއިލާގެ ކިބައިން މަޢާފަށްއެދިއްޖެ


ކޯވިޑް-19 ޖެހި ނިޔާވި ފަހުން އައިސޮލޭޓްކުރުމަށް ގެންދިއުމަށް ގުޅާފައިވާތީ، އެކަމަށް އާއިލާގެ ފަރާތުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މަޢާފަށް އެދިއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވަނީ އިއްޔެ ކޯވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހާގެ ޖަނާޒާ ކުރިޔަށް ގެންދަނިކޮށް އޭނާ އައިސޮލޭޝަނަށް ގެންދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅިފައިވާކަމަށް ވިދާޅުވެފައެވެ. އެއީ ކަން ހިނގަންޖެހޭ ގޮތް ނޫންކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވަނީ މިކަން މިގޮތަށް ހިނގުމުން ނިޔާވި މީހާގެ ޢާއިލާގެ ކިބައިން މަޢާފަށް އެދިފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ އައިސޮލޭޓް ކުރުމަށް ގުޅީ، މީހުން އައިސޮލޭޓް ކުރުމުގައި ޕޮޒިޓިވްވާ އުމުރުން ދުވަސްވީ މީހުންނަށް އިސްކަން ދިނުމަށް ގެންގުޅޭ އުސޫލުގެ ދަށުން، އިސްކަން ދޭ ލިސްޓުގައި އޭނާގެ ނަން އޮތުމުން ކަމަށެވެ. އެހެން ނަމަވެސް ޕޭޝަންޓް އެވަގުތު އޮތީ އައިޖީއެމްއެޗްގައި ކަމަށް މައުލޫމާތު ލިބިފައި ނުވާކަމަށް ޑރ، ނަޒްލާ ވިދާޅުވިއެވެ. އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދޭން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ޑރ. ނަޒްލާ ދެއްވިއެވެ.

"އެކަން އެގޮތަށް ހިނގާފައި ވާތީ ފުރަތަމަ ކަމަކަށް އާއިލާގެ ފަރާތުން އަޅުގަނޑުމެން ހަމަ ނިހާޔަތަށް މައާފަށް އެދެން. މިކަމަކީ ކަން ހިނގަގެން ވާނެ ގޮތެއް ނޫން. މިކަހަލަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް އިންތިޒާމްތައް ހަރުދަނާކުރާނެ ކަމުގެ ޔަގީންކަން، އަޅުގަނޑާ އަޅުގަނޑުގެ ޓީމުން ދެން" ޑރ، ނަޒްލާ ވިދާޅުވިއެވެ.

އިއްޔެ ނިޔާވެފައި ވަނީ އުމުރުން 67 އަހަރުގެ މީހެކެވެ. އޭނާއަކީ އިއްޔެ އައިޖީއެމްއެޗަށް ގެންގޮސް އީއާރުގައި ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ މީހެކެވެ. ނިޔާވި މީހާ އައިސޮލޭޝަނަށް ގެންދަން އެޗްޕީއޭ އިން ގުޅީ، ޖަނާޒާގެ ކަންކަން ކުރިއަށް ދަނިކޮށް ކަމަށް ނިޔާވި މީހާގެ އާއިލާއިން ވަނީ ބުނެފައެވެ.