ޚަބަރު

ކޯވިޑް-19: ތުލުސްދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ޕޮޒިޓިވްވެއްޖެ


ކ. ތުލުސްދޫ ހޯމް ކަރަންޓީންގައި ހުރި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤްވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ޕޮޒިޓިވް ވެފައި ވަނީ ކ. ތުލުސްދޫގައި ހޯމް ކަރަންޓީންގައި ހުރި 35 އަހަރުގެ ފިރިހެނެއްކަމަށެވެ. މިމީހާ ޕޮޒިޓިވްވެފައިވާކަން އެނގިފައިވަނީ ހޯމް ކަރަންޓީނުން ދޫކޮއްލަން ހެދި ރިލީސް ސާމްޕަލްއިންކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ޕޮޒިޓިވްވި އެމީހާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޙާލަތު ގޯސްވެ ގިނަ އަދަދެއްގެ ދިވެހިން މި ބައްޔަށް ދަނީ ޕޮޒިޓިވްވަމުންނެވެ. އެގޮތުން އަތޮޅުތަކުންވެސް ޕޮޒިޓިވް ކޭސްތައް ދަނީ ފެންނަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން އަތޮޅުތަކަށް ދިއުމަށްފަހު ހޯމް ކަރަންޓީންގައި ތިބި މީހުންނާއި މުދާ އުފުލާ ބޯޓު ފަހަރުން ފެންނަ ކޭސްތަކެވެ.