ޚަބަރު

ކޯވިޑް-19 : ނައިފަރު ބޯޓެއްގެ ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ


ފާދިއްޕޮޅު ނައިފަރާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ނައިފަރު މެގަ އާރު ނަމަކަށް ކިޔާ ބޯޓުގެ ފަޅުވެރިއެއްގެ ފަރާތުން ކޯވިޑް-19ގެ އަލާމާތްތައް ފެނުމާއި ގުޅިގެން އެމީހާ ހޯމް އައިސޮލޭޝަންގައި ބަހައްޓާ ނެގި ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވްވެފައިވާ ކަމަށް ނައިފަރު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. މިކަން އެޗްޕީއޭއިން ވެސް ވަނީ ޔަޤީންކޮށްދީފައެވެ.

މީގެކުރިންވެސް މާލެއާއި ބައެއް ރަށްރަށާ ދެމެދު ދަތުރުކުރާ ބޯޓުތަކުގެ ފަޅުވެރިންތަކެއް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ. އެގޮތުން ކެލާ ބޯޓެއްގެ ކެޕްޓަނާއި، އިހަވަންދޫ ދެ ބޯޓެއްގެ ފަޅުވެރިންނާއި، ފިއްލަދޫ ބޯޓެއްގެ ފަޅުވެރިންވެސް ކޯވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ މާލެއަށް ދަތުރުކުރާ ބޯޓުތަކުގެ ފަޅުވެރިންވެސް އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.