އާސަންދަ އަކީ ދިވެހިންގެ ޞިއްޙީ ފަރުވާގެ ޚަރަދުތައް ހަމަޖައްސައިދިނުމަށްޓަކައި އެކުލަވާލާފައިވާ ޞީއްޙީ އިންޝުއަރެންސްގެ ނިޒާމެކެވެ. އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް ފުރަބަންދުގެ ޙާލަތުގައި ދިވެހިންގެ އެންމެ ބޮޑު މަދަދުޤާރަކަށް ވެފައިވަނީ އާސަންދަ ކުންފުނީގެ ޚިދުމަތްތަކެވެ.
ބޭސް ސިޓީން ފަށައިގެން ގޮސް ރާއްޖެއިން ބޭރުގައި ތާށިވެފައިތިބި ދިވެހިން އަނބުރާ ޤައުމަށް ގެނައުމާއި ހަމައަށް އާސަންދައިގެ މަސައްކަތް ފުޅާވެފައިވާއިރު، މި އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފުރަބަންދުގެ ޙާލަތުގައި އޮފީހުގައި ފުރަބަންދުވެ ޤައުމީ މިޚިދުމަތުގައި މިހާރުވެސް މެދުކެނޑުމެންނެތި އެކުންފުނީގެ މުޢައްޒަފުން ދަނީ މަސައްކަތްކުރަމުންނެވެ.
އާސަންދަ ކުންފުނީގެ ޚިދުމަތްތަކުގެ މަޢުލޫމާތު ކުންފުނީގެ އެސިސްޓެންޓް މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ރަޝީދު ވަނީ ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވާފައެވެ. އިބްރާހީމް ރަޝީދު ފާހަގަކުރެއްވި ގޮތުގައި ގިނަ ގޮންޖެހުންތަކާއެކުވެސް މި މަސައްކަތް މިއަދުވެސް އަންނަނީ މެދުކެނޑުމެއް ނެތި ފޯރުކޮށްދެމުންނެވެ. އެގޮތުން ދަތުރުފަތުރުކުރުން އެއްކޮށް މަނާކުރެވިފައިވި ޙާލަތުގައިވެސް އާސަންދައިގެ އިސްނެގުމާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްޙީ ފަރުވާއަށް ކޮންމެހެން ބޭނުން ޖެހިފައިވާ 1102 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. މީގެ ތެރޭގައި އާސަންދައިން 120 ފްލައިޓެއް ޗާޓަރކޮށްގެން މީހުން އިވެކުއޭޓްކޮށްފައިވާއިރު ކަނޑުމަގުން 851 ފަރާތެއް ގެނެސްފައިވާކަން ފާހަގަކުރެއްވިއެވެ.
"އިމަރޖެންސީ އިވެކުއޭޝަންއަކީ އެންމެ މުހިންމުކަންތައް. ޝެޑިއުލް ފްލައިޓެއް ނެތުމުން އަޅުގަނޑުމެން 120 ފްލައިޓް ޗާޓަރ ކުރިން. މީގެ އިތުރުން މޯލްޑިވިއަންގެ ކާގޯ ފްލައިޓްގައިވެސް މީހުން ގެންދިޔައިން. ކަނޑުމަގުން 851 މީހުން މާލެ އަށާއި ސިއްޙީ ފަރުވާދޭ އެކި އެކި މަރުކަޒުތަކާއި ހަމައަށް ފޯރުކޮށްދިނިން. މީގެ ތެރޭގައި އެންމެ ގިނައީ އުތުރުގެ އަތޮޅުތަކުން. އުތުރުގެ އަތޮޅުތަކުގައި 526 އިވެކުއޭޝަން ޖެއްސުން" އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އިތުރުން އާސަންދަ ކުންފުނިން ވަނީ އިންޑިއާ އާއި ލަންކާގައި ރާއްޖެ ނާދެވިފައިތިބި ފަރާތްތަކަށްވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އިންޑިއާގައި ރާއްޖެ ނާދެވި ތިބި 293 ފަރާތަކަށް އެންސްޕާއާއި ގުޅިގެން 3.4 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ. އަދި ފޮރިން މިނިސްޓްރީއާއި ގުޅިގެން 6 ރިޕެޓްރިއޭޝަން ފްލައިޓަކާއި އަދި އާސަންދައިން ބޭސްކުރުމަށް ދިޔަ 4 ފްލައިޓުގައި އިންޑިއާގައި ތާށިވެފައިތިބި ދިވެހިން ގެނައުމަށް 3 ލައްކަ ރުފިޔާ ޚަރަދުވިކަމަށް އާސަންދަ ކުންފުނީގެ އެސިސްޓެންޓް މެނޭޖިންގް ޑިރެކްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖެއިން ލިބެން ނެތް ބޭސްފަރުވާކުރުމަށް އިންޑިއާއަށް ދިޔަ 4 ފްލައިޓްގެ ބަލިމީހުންގެ ބޭސް ފަރުވާއާއި ކަރަންޓީންގައި ހުންނަ މުއްދަތުގެ ކެއުމާއި ހުރުމުގެ ޚަރަދުވެސް ހަމަޖައްސާދެނީ އާސަންދަ ކުންފުނިންނެވެ.
ކޯވިޑް-19 ފެނި ޤައުމަށް މިކަމުގެ ބިރުވެރިކަން ފެތުރިފައިވާ މިދަނޑިވަޅުގައިވެސް އާސަންދައިގެ ޚިދުމަތްތައް މެދުނުކެނޑި ފޯރުވައިދެމުންވެސް ރާއްޖޭގެ ބޭސްފަރުވާގެ ނިޒާމު އޮންލައިންކޮށް ޒަމާނީކުރުމަށް ދިޔައީ މަސައްކަތްކުރަމުންނެވެ. މިމަސައްކަތާބެހޭގޮތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން އާސަންދަ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އައިމިނަތު ޒީނިޔާ ވަނީ ވިނަވި ޕޯޓަލްމެދުވެރިކޮށް ބޭސްފަރުވާގެ ނިޒާމު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގުޅުވާލާ، ބޭސް ސިޓީ ވައިބަރކުރުމުގެ ޚިދުމަތްތައް ފަދަ ޚިދުމަތްތައް ތަޢާރަފްކުރިކަން ފާހަގަކުރައްވާފައެވެ. ފުރަބަންދުގެ ޙާލަތުގައި އާސަންދައިގެ ދަށުން ޙާސިލްކުރެވުނު އެންމެ ބޮޑު އެއް ކާމިޔާބީއަކީވެސް އޮންލައިން ބޭސްފަރުވާގެ ޚިދުމަތް ތަޢާރަފްކުރެވުން ކަމަށް ޒީނިޔާ ވިދާޅުވިއެވެ. އެގޮތުން އޮންލައިން ކޮންސަލްޓޭޝަން މާލޭގެ 25 ތަނަކާއި، ހުޅުމާލެ 6 ތަނެއް، އައްޑޫ ސިޓީގެ 6 ތަނަކާއި، ކުޅުދުއްފުށި ސިޓީން 1 ތަނަކާއި، ފުވައްމުލައް ސިޓީއިން 1 ތަނުގެ އިތުރުން އދ. މަހިބަދޫންވެސް މިހާރު ހަމަޖެހިފައިވާކަށް އޭނާ ފާހަގަކުރެއްވިއެވެ.
"އޮންލައިން ކޮންސަލްޓޭޝަނަކީ މި ދަނޑިވަޅުގައި އަޅުގަނޑުމެންނަށް ހޯދުނު ބޮޑު ކާމިޔާބީއެއް އިނގޭތޯ. މިއަދު މިހާރު މިކަން އައިޖީއެމްއެޗްގައިވެސް ވަނީ ފަށާފައި. ގިނަ ރައްޔިތުންތަކެއްގެ ތަރުޙީބުވެސް ލިބޭ ކަމެއް މިއީ. އިޖުތިމާޢީ ގައިދުރުކަން ހިފަހައްޓާ މި ނިޒާމު އިތުރައް ވަރުގަދަކުރުން އަޅުގަނޑުމެންގެ އަމާޒަކީ" އައިމިނަތު ޒީނިޔާ ވިދާޅުވިއެވެ.
މީގެ އިތުރުން އެސްޓީއޯއާއި ގުޅިގެން ބައެއް ހާލަތުގައި އެމްޕެނަލް ހޮސްޕިޓަލުގެ އެހީގައި ބޭސް ގެނައުމުގެ މަސައްކަތް އާސަންދައިން ވަނީ ކޮށްފައެވެ. އެގޮތުން ފުރަބަންދުގެ ޙާލަތަށްފަހު އެންމެ ޑިމާންޑް ބޮޑުވި ނަފްސާނީ ބޭހާއި ކޮންޓްރޯލްކޮށްފައިވާ ބޭސް ގެނައުމުގައި އާސަންދައިން ވަނީ އެސްޓީއޯއާއެކު މަސައްކަތް ކޮށްފައެވެ.