ޚަބަރު

މަނާ ވަގުތުގައި ބޭރަށް ނިކުމެގެން 145 މީހުންނަށް ރޭ ނަސޭހަތްތެރިވެފައިވޭ


ބޭރަށް ނުކުމެ އުޅުން މަނާ ވަގުތުގައި ބޭރުގައި އުޅުނު 145 މީހުންނަށް ނަސޭހަތްތެރިވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ފެތުރުން އިތުރުވަމުންދާތީ މާލެތެރެ މޮނިޓަރކުރުން ވަނީ ހަރުދަނާކޮށްފައެވެ. އެގޮތުން ބޭރަށް ނުކުމެ އުޅުން މަނާ ވަގުތެއްގެ ގޮތުގައި ރޭގަނޑު 10:00ން ފަތިހު 5:00ށް ވަނީ ހަމަޖައްސާފައެވެ. އަދި މިވަގުތުތަކުގައި ބޭރަށް ނިކުންނަ މީހުންނަށް ނަސޭހަތްތެރިވެ. އަދި ތަކުރާރުވާނަމަ، ޖޫރިމަނާވެސް ކުރާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ.ނަޒްލާ ވިދާޅުވީ، ބޭރަށް ނުކުމެ އުޅުން މަނާ ވަގުތު އިތުރުކޮށް ފިޔަވަޅުތަށް ހަރުދަނާކުރި ފުރަތަމަ ދުވަހު، މަނާ ވަގުތުގައި ބޭރުގައި އުޅެގެން 145މީހުންނަށް ނަސޭހަތްތެރިވެފައެވެ.

ކޯވިޑްގެ ޙާލަތު ރާއްޖޭގައި ގޯސްވަމުންދާތީ، އަޅާފައިވާ އެންމެ މުހިންމު އެއް ފިޔަވަޅަކީ މަގުމައްޗަށް ނިކުމެ އުޅޭއިރު މާސްކް އެޅުން މަޖުބޫރުކުރުމެވެ. މާސްކު ނާޅާ މީހުން ޖޫރިމަނާކުރަން ފެށިތާ 5 ދުވަސްވެފައި ވާއިރު މިހާތަނަށް 151މީހުން ޖޫރިމަނާކޮށްފައިވާކަމަށް، ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤް ވިދާޅުވިއެވެ. މާސްކް ނާޅާ އުޅުނު 986 މީހުންނަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ސިޓީކައުންސިލާއި، އެޕްޕީއޭ ގުޅިގެން ވަނީ ވިޔަފާރީގެ ޚިދުމަތްދޭތަންތަންވެސް އިންސްޕެކްޓްކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އިއްޔެ 235 ތަނެއް އިންސްޕެކްޓްކޮށްފައި ވެއެވެ. މީގެތެރެއިން ގަވައިދަށް ނުފެތޭ 20ތަނެއް ވަނީ ބަންދުކޮށްފައެވެ.
ބަންދުކޮށްފައި ވަނީ 8 ފިހާރައާއި، 6 ސެލޫނާއި، 3 މާރުކޭޓާއި، ކާބޯތަކެތީގެ ޚިދުތްދޭ 3 ތަނެކެވެ.

މި ތަންތަން ބަންދުކުރަނީ މައްސަލަ ޙައްލުކުރުމުން، އަލުން އިންސްޕެކްޓްކޮށް ހުއްދަދޭ އުސޫލުންނެވެ.