ޚަބަރު

މާލެ އަންނަ އުޅަނދުފަހަރު ލަފާފުރުމުގައި ބޭނުންކުރާނެ ސަރަޙައްދުތަކެއް ކަނޑައަޅައިފި


އަތޮޅުތަކުން މާލެ އަންނަ އުޅަނދު ފަހަރު ލަފާފުރުމުގައި ބޭނުންކުރުމަށް ވަކި ސަރަޙައްދުތަކެއް ކަނޑައަޅައިފިއެވެ.

މާލެއަށް އަންނަ އުޅަދުތައް ލަފާފުރުމަށް މާލޭގެ ބަނދަރުމަތީ ވަކި ސަރަޙައްދުތަކެއް ކަނޑައަޅާފައި ވަނީ، ކޯވިޑް 19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމުގައި މާލޭ ސިޓީކައުންސިލުން ހާމަކުރައްވައެވެ. މިފިޔަވަޅު އެޅުއްވުމުގެ ބޭނުމަކީ، ޚާއްސަކޮށް ވިޔަފާރި ދަތުރުތަކުގައި އަންނަ ފަރާތްތަކުން މާލޭގައި އުޅޭ މީހުންނާއި ބައްދަލުވާ ބައްދަލުވުން ކުޑަކޮށް، އަތޮޅުތަކުގެ ރަށްރަށަށް ބަލި ފެތުރުމުގެ ފުރުޞަތު ކުޑަކުރުން ކަމުގައި ސިޓީކައުންސިލުން ވިދާޅުވެއެވެ.

އުޅަނދުފަހަރު ލަފާފުރުމުގައި ބޭނުންކުރަން ކަނޑައަޅާފައިވާ ސަރަޙައްދުތަށް:

  • އަތޮޅުތަކުން މާލެ އަންނަ ދޯނިފަހަރު ލަފާފުރުމުގައި މާލޭ ނޯތު ހާބަރާއި ޓީ ޖެޓީ ސަރަހައްދު ބޭނުންކުރުން.
  • އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު މާލޭ 01 ނަންބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި ފަޅު) ބޭނުންކުރުން.
  • އަތޮޅުތަކުން މާލެއަންނަ މަސްވެރިކަންކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދު ފަހަރު ހުޅުމާލޭ ބަނދަރު ލަފާފުރުމުގައި ބޭނުންކުރުން.
  • އަތޮޅުތަކުން މާލެއަންނަ އުޅަނދުފަހަރު ލަފާފުރުމުގައި ތިލަފުށީ ބަދަރު ބޭނުންކުރުން.
  • ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު މާލޭ 05 ނަންބަރު ޖެޓީ އާއި 06 ނަންބަރު ޖެޓީ (ބޭންކް އޮފް މޯލްޑިވްސް ކުރިމަތިފަޅު) ބޭނުންކުރުން.


ސިޓީ ކައުންސިލުން ވިދާޅުވީ، ކަނޑައަޅާފައިވާ މިސަރަޙައްދުތައް ނޫން އެހެން އެއްވެސް ސަރަޙައްދަކުން މާލެ ސިޓީއަށް އަތޮޅުތަކުން އަންނަ އުޅަނދު ފަހަރު ބޭނުން ނުކުރުމަށް އަންގާކަމަށެވެ. އަދި ވަކި ގޮތެއް އަންގަންދެން މި ޢުސޫލުން ޢަމަލުކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

އެ ސަރަޙައްދުތައް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ކުރަމުން ގެންދާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް 19ގެ ކޭސްތައް މިހާތަނަށް 2 ރިސޯޓް ހިމެނޭހެން އަތޮޅުތަކުގެ 12 ރަށަކުން ވަނީ ފެނިފައެވެ.