ޚަބަރު

ކޯވިޑް-19 : 24 ގަޑިއިރު ތެރޭގައި 2 ވަނަ މީހަކު ނިޔާވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެ ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވާ މިމީހާއަކީ ޢުމުރުން 89 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 18ވަނަ މީހާއެވެ. މިމީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ.

އެޗްޕީއޭއިން ވިދާޅުވީ މި މީހާ ނިޔާވެފައިވަނީ މިރޭ 20:57ގައި ކަމަށެވެ. ކޯވިޑް-19ގައި މިރޭ ނިޔާވި މީހާއާއެކު، މިހާތަނަށް މި ބަލީގައި ރާއްޖެއިން 12 ދިވެހިންނާއި 6 ބިދޭސީންވަނީ ނިޔާވެފައެވެ. ކޯވިޑް-19ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު ނިޔާވެފައިވަނީ އޭޕްރިލް މަހުގެ 29ވަނަ ދުވަހުއެވެ. އެއީ 83 އަހަރުގެ އަންހެނެވެ. މިހާތަނަށް ރާއްޖޭގައި ނިޔާވި މީހުންގެތެރޭގައި ގިނައިން ހިމެނެނީ ޢުމުރުން ދުވަސްވީ މީހުންނެވެ. މީގެތެރޭގައިވެސް އެހެން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުން އިތުރެވެ. އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ރާއްޖޭގައި ނިޔާވެފައިވަނީ ޢުމުރުން 89 އަހަރުގެ އަންހެނެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާޢްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން، ޚާއްޞަކޮށް ދިވެހިންގެ ޢަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު އެކަނިވެސް ރާއްޖެއިން 215 މީހަކަށް މި ބަލި ޖެހުނުއިރު އޭގެ ތެރޭގައި 149 ދިވެހިން ހިމެނެއެވެ.

މިހާރު ރާޢްޖޭގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިހާރުވެސް 84 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

މިބަލީގައި ރޭވެސްވަނީ މީހަކު ނިޔާވެފައެވެ. ރޭ ނިޔާވެފައިވަނީ ޢުމުރުން 52 އަހަރުގެ ދިވެހި އަންހެނެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 17ވަނަ މީހާއެވެ.

ކިޔުންތެރިއެއް

ޢަދިވެސް ބުނަންވީތޯ މީ ނިއު ނޯމަލްއޭ.