ޚަބަރު

ކޯވިޑް-19: މިއަދުގެ ޕޮޒިޓިވް، ރެކޯޑް ޢަދަދަކަށް، ދިވެހިންގެ ޢަދަދު 100އިން މަތީގައި


ރާއްޖެއިން އެންމެ ގިނަ ޢަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހަކަށް މިއަދުވެ، މިއަދު އެކަނިވެސް ބަލި ޖެހުނު މީހުންގެ ޢަދަދު 215 އަށް އަރައިފިއެވެ.

ބަލީގެ ނުރައްކާ ބޮޑުވެފައިވާ މިދަޑިވަޅުގައި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އިރުވަމުންދަނީ ދިވެހިންނެވެ. މިއަދުއެކަނިވެސް 149 ދިވެހިން ވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭގެ އިރުއޮއްސި 18:00އިން މިރޭ އިރުއޮއްސި 18:00 އާ ހަމައަށް ޕޮޒިޓިވްވި 215 މީހުންގެ ތެރެއިން 214 މީހުން ޕޮޒިޓިވް ވެފައިވަނީ ގްރޭޓަރ މަލޭ ސަރަހައްދުންކަމަށެވެ. ޕޮޒިޓިވްވި އަނެއް މީހާއަކީ އަތޮޅުތަކުގެތެރެއިން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދުވަނީ 4164 އަރާފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 149 ދިވެހިންނާއި، ބަންގްލަދޭޝްގެ 54 މީހަކާއި، އިންޑިއާގެ 7 މީހަކާއި، ސްރީލަންކާގެ 2 މީހަކާއި، ނޭޕާލްގެ 2 މީހެއްގެ އިތުރުން ފިލިފީންސް މީހެކެވެ.

މިއަދު ބަލިން ރަނގަޅުވެފައިވަނީ 30 މީހުންނެވެ. މިއާއެކު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2643އަށް އަރާފައެވެ. އަދި މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު މިހާރު މިވަނީ 1489އަށް އަރާފައެވެ. މީގެ ތެރެއިން ފަރުވާދެމުން އަންނަނީ 79 މީހަކަށެވެ.