ޚަބަރު

ޢާންމު ތަންތަނުގައި މާސްކު ނާޅާނަމަ ފިޔަވަޅު އަޅާނަން - ފުލުހުން


މިއަދުން ފެށިގެން އާއްމު ތަންތަނުގައި މަސްކު ނާޅާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، މާސްއެޅުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑަށް ޢަމަލުކުރޭތޯ، ކުރީ ސަފުގައި ހަރަކާތްތެރިވާ ފުލުހުން ބަލަމުން އަންނާނެކަމަށެވެ. މިކަން ހާމަކޮށް ފުލުހުން ކުރި ޓްވީޓްގައި ވަނީ މާސްކު އެޅުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުވެސް ހިމަނާފައެވެ.

އާއްމު ތަންތަނުގައި މާސްކު ނާޅާއުޅޭނަމަ މިއަދުން ފެށިގެން 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ޢާންމު ތަންތަނުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފައިވަނީ މާލެ ސަރަހައްދަށް އެކަންޏެވެ. މާސްކު އަޅާފައި ހުންނައިރު އަނގައާއި، ނޭފަތާއި ދަތްދޮޅި ފޮރުވިފައި ހުންނަންވާނެކަމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުގައި ވެއެވެ. ނަމަވެސް މި އުސޫލުން އިސްތިސްނާވާ ބައެއްވެސް ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ، ޢުމުރުން 2 އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތު ކުރަންއުޅޭ މީހުން ކަސްރަތު ކުރާ ވަގުތާއި، އެހެން މީހެއްގެ އެހީއާނުލައި މާސްކު އަޅައި، މާސްކު ނުނެގޭ މީހުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ، މާސްކް އެޅުން މަޖުބޫރުކޮށްފައިވަނީ ފަހަކަށް އައިސް ކޯވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މިވަގުތު ކުރުން މުހިއްމުކަމެއްގެ ގޮތުގައި ފެންނާތީކަމަށެވެ.

ފަހަކަށް އައިސް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު، ޚާއްސަކޮށް ދިވެހިންގެ ޢަދަދު ރާއްޖޭގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާތީ، ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދީފައިވާ ލުއިތަކުގެ ތެރެއިން ބައެއްކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ބަލަމުންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އެގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 5:00އާ ދެމެދު ޒަރޫރީ ބޭނުމެއްނެތި މަގުމަތީގައި އުޅުމަކީ މަނާކަމަކަށްވާއިރު، އެކަން ތަންފީޒުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށާއި، ޒަރޫރީ ބޭނުމެއްނެތި މަގުމަތީގައި އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޢާންމު ޚިދުމަތް ދިނުމުގައި އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ޚާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށްގެންދަން ނިންމާފައިވާއިރު، އެކަން ބެލުމަށް ޚާއްޞަ ޓީމްތަކެއް މަގުތަކަށް ނިކުންނާނެކަމަށްވެސް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.