ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް އަވަށްޓެރި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހަވީރު މާލެއަށް ވަޑައިގެންނެވުމުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.
ލަންކާގެ ރައީސަށް މަރުޙަބާ ދެންނެވުމުގެ ހަރަކާތްތައް ކުރިއަށްގެންގޮސްފައިވަނީ ޖުމްހޫރީ މައިދާނުގެ ސަރަހައްދުގައެވެ. ޖުމްހޫރީ މައިދާނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ރަސްމީކޮށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެގޮތުން ސްކޫލުގެ ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމެއްގެ އިތުރުން، 21 ބަޑީގެ ސަލާމެއް ވަނީ އަރުއްވާފައެވެ. އަދި ދިވެހި އަސްކަރީން ވަނީ ދެ ޤައުމުގެ ޤައުމީ ސަލާމްވެސް ކުޅެފައެވެ.
މި ރަސްމިއްޔާތުގައި ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވަނީ، އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި، އެމަނިކުފާނަށް ދިވެހި ދަޢުލަތުގެ އިއްޒަތްތެރީން މަރުޙަބާ ވިދާޅުވެ ތަޢާރަފުވެވަޑައިގަތުމާއި ސްރީލަންކާގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވުންވެސް އޮތެވެ.
ލަންކާ ރައީސްގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދެ ބޭފުޅުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުކުރެއްވުންތަކުގައި، ދެ ޤައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގެންފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުންވެސް ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ.
ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ، ރާއްޖެއަށް ކުރައްވާ މިދަތުރުފުޅަކީ އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މިދަތުރުފުޅަކީ މިމަހުގެ 28 އިން 30 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
ސްރީލަންކާގެ ރައީސްގެ މިދަތުރުފުޅު ދިމާވަނީ، ރާއްޖެއާއި ސްރީލަންކާއާއި ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ، 60 އަހަރު ފުރޭ މުނާސަބާއާއެވެ. ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކޮށްފައިވަނީ 26 ޖުލައި 1965 ގައެވެ.