ކޯވިޑް-19

ކޯވިޑް-19 : އިތުރު 152 މީހުން ޕޮޒިޓިވްވެއްޖެ، މިއަދުވެސް ގިނައީ ދިވެހިން


ރާއްޖެއިން ކޯވިޑް-19އަށް 152 މީހުން މިއަދު ޕޮޒިޓިވްވެއްޖެއެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު އިތުރު މީހަކު މިއަދު ވަނީ ނިޔާވެސްވެފައެވެ. މިއާއެކު ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ އަދަދު ވަނީ 16އަށް އިތުރުވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ވިދާޅުވީ، ރޭގެ އިރުއޮއްސި 18:00އިން މިރޭ އިރުއޮއްސި 18:00 އާ ހަމައަށް ޕޮޒިޓިވްވި 152 މީހުންގެ ތެރެއިން 142 މީހުން ޕޮޒިޓިވްވެފައިވަނީ ގްރޭޓަރ މަލޭ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން 10 މީހަކު ކޯވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެހިންނާއި، ބަންގްލަދޭޝްގެ 54 މީހަކާއި، އިންޑިއާގެ 5 މީހެއްގެ އިތުރުން ސްރިލަންކާގެ 4 މީހަކު ހިމެނެއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ރާއްޖޭގެ 9 ރަށަކުން މިވަގުތު ފެނިފައިވާކަމަށެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 6 ރަށަކާއި، 1 ރިސޯޓާއި، ހަދަމުންދާ ރިސޯޓެއް ހިމެނެއެވެ.

މާލޭގެ އިތުރުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްތައް

  • ހއ. ކެލާ
  • ނ. އަތޮޅު - ސޮނޭވާ ޖަނި ރިސޯޓު
  • ރ. އަތޮޅު - އިނގުރައިދޫ
  • ބ. އަތޮޅު - އޭދަފުށި، ކަމަދޫ، ސީސައިޑް ފިނޮޅު
  • ޅ. ކުރެންދޫ
  • ކ. މާފުށި

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޖުމްލަ ޢަދަދު 3719އަށް އަރާފައިވާއިރު، މިއަދު މިބަލިން ރަނގަޅުވެފައިވަނީ 14 މީހުންނެވެ. މިއާއެކު މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު މިހާރު މިވަނީ 2568އަށް އަރާފައެވެ. އަދި މި ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިހާރު މިވަނީ 1120އަށް އަރާފައެވެ. މީގެ ތެރެއިން ފަރުވާދެމުން އަންނަނީ 59 މީހަކަށެވެ.

ކޯވިޑް-19 އަށް ފަރުވާ ދިނުމަށްޓަކާ 657 އައިސޮލޭޝަން ފެސިލިޓީއަށް ލާފައިވާއިރު، މި ބައްޔަށް ޓެސްޓްކުރުމަށްޓަކާ ނެގުނު ސާމްޕަލްތަކުގެ ޢަދަދު 78،040 އަށް ވަނީ އަރާފައެވެ.