ޚަބަރު

އިންސާނީ ވަގުފާރި ހުއްޓުވުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް ފަންޑެއް ޤާއިމްކޮށްފި


އިންސާނީ ވަގުފާރި ހުއްޓުވުމުގެ މަސައްކަތްތަކަށް އެހީވުމަށް ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް ފަންޑެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ދިވެހި ސަރުކާރުން ހާމަކުރައްވައިފިއެވެ.

ބައިނަލްއަޤްވާމީ އިންސާނީ ވަގުފާރިއާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ސަރުކާރުން އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ.

ޑިފެންސް މިނިސްޓްރީއިން ނެރުނު ބަޔާނުގައި ވަނީ އިންސާނީ ވަގުފާރިއަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލުގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން މި ވަގުފާރިން މިއަދު އެއްވެސް ޤައުމެއް ސަލާމަތްވެފައި ނެތްކަން ފާހަގަކުރައްވައި، މި މަސައްކަތް ކާމިޔާބުވާނީ ހުރިހާ ޤައުމެއް ގުޅިގެންކަމަށް ވަނީ ވިދާޅުވެފައެެވެ.

މިއަދު ދުނިޔޭގައި 24 މިލިއަނަށްވުރެ ގިނަމީހުން އިންސާނީ ވަގުފާރީގެ ދަލުގައިޖެހިފައިވާއިރު، ކޯވިޑް-19ގެ ސަބަބުން ދިމާވި އިޤްތިޞާދީ ދަތިތަކާއެކު މި ވިޔަފާރި އިތުރަށް ފުޅާވުމުގެ ނުރައްކާ ބޮޑުވެފައިވާކަންވެސް މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ އިސްނެންގެވުމާއެކު ދިވެހި ސަރުކަރުން އިންސާނީ ވަގުފާރި ދިވެހި މުޖުތަމަޢުއިން ނައްތާލުމަށް މަސައްކަތްކުރަމުންދާކަން މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން 2016 ވަނަ އަހަރު އިންސާނީ ވަގުފާރި ހުއްޓުވާ، މިކަމުގެ ދަލުގައިޖެހޭ އަންހެނުންނާއި ކުޑަކުދިންގެ ހައްޤުތައް ދިފާޢުކުރުމަށް މަސައްކަތް ފެށިކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ "ނެޝަނަލް އެންޓި ހިއުމަން ޓްރެފިކިން އެކްޝަންޕްލޭން 2020-2022"ގެ ދަށުން ގިނަ ކަންކަމެއް ތަންފީޒުކުރުމުގެ މަސައްކަތްކުރަމުންދާކަން ޑިފެންސް މިނިސްޓްރީއިން ވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކަމާ ގުޅުންހުރި މަދަނީ އަދި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާގުޅިގެން ނެޝަނަލް އެންޓި ޓްރެފިކިންގް ސްޓިއަރިންގް ކޮމިޓީގެ ބެލުމުގެ ދަށުން މިމަސައްކަތް ކުރަމުންދާކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ވަނީ "އެންޓި ހިއުމަން ޓްރެފިކިގް އެކްޓް" ރާއްޖޭގައި ވުޖޫދައް އައުމަށްފަހު މިހާރު އިންސާނީ ވަގުފާރި ހުއްޓުވުމުގެ މަސައްކަތްތަކަށް އެހީވުމަށް ދައުލަތުގެ ބަޖެޓުން ހަރަދުކޮށް ފަންޑެއް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާފައެވެ. އަދި މިކަމަށް ޚާއްސަ އޮފީހެއް، އެންޓި ޓިޕް އޮފީހުގެ ނަމުގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މީގެ އިތުރުން މި ނުރައްކާތެރި ދަލުގައި ޖެހޭ ފަރާތްތަކަށް އެހީވެ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިޔާތަކެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ޑިފެންސް މިނިސްޓްރީގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.