ކޯވިޑް-19

ކޯވިޑް-19 : ބޭރުގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފި


އާއްމު ތަންތަނަށް ނުކުމެއުޅޭއިރު މާސްކް އެޅުން ރާއްޖޭގައި މަޖުބޫރުކޮށްފިއެވެ.

ބޭރުތެރޭގައި އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާކަން ސަރުކާރުން ހާމަކުރައްވާފައިވަނީ ނެޝެނަލް ޓާސްކްފޯހުގެ ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި ޓުވީޓެއްގައެވެ.

ކޯވިޑް-19 އާއި ގުޅޭގޮތުން އެކުލަވާލާފައިވާ ނެޝެނަލް ޓާސްކްފޯހުގެ ބައްދަލުވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރެއްވި ޓުވީޓުގައި، ކޯވިޑް-19އާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިންފަހުން ފާއިތުވި 2 ހަފްތާގެ ތެރޭގައި މާލޭ ސަރަހައްދުގައި ކޯވިޑް-19ގެ ކޭސްތައް އިތުރުވެފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ފުރަބަންދަކަށް ނުގޮސް މިކަމުން އަރައިގަތުމަކީ ގިނަ ބަޔަކު ބޭނުންވާގޮތްކަމުން، މިކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެގޮތުން ބޭރު ތެރޭގައި އުޅޭއިރު މާސްކް އެޅުން ރާއްޖޭގައި މަޖުބޫރުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. އަދި ބޭރުތެރެއަށް ނުކުމެއުޅުން މަދުކުރުމަށާއި، ގޭގައި ތިބިގެން އޮފީސް މަސައްކަތް ކުރެވޭނަމަ އެކަން ކުރުމަށާއި، އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށާއި، އަތްދޮވުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.


ދިވެހިރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިއަހަރުގެ މާރިޗުމަހުގެ 7 ވަނަ ދުވަހުއެވެ. އެއާއެކު ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެގޮތުން މާޗްމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ. އަދި އޭޕްރީލްމަހުގެ 15 ވަނަ ދުވަހު ކޮމިއުނިޓީ ސްޕްރޭޑެއްގޮތަށް އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް މި ބަލި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މާލެ ފުރަބަންދުކުރިއެވެ. ފުރަބަންދުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްވާން ފެށުމުން ގާތްގަނޑަކަށް 3 މަސް ދުވަހުގެ މުއްދަތަކަށްފަހު ފުރަބަންދުގެ ފިޔަވަޅުތަކަށް ސަރުކާރުން ބޮޑެތި ލުއިތަކެއްދީފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

މިއާއެކު ރާއްޖޭގައި ވަކިން ޚާއްސަކޮށް މާލޭ ސަރަހައްދުގައި ކޯވިޑް-19 ފެތުރޭ މިންވަރު މިވަނީ އަނެއްކާވެސް ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން މިމަހުގެ 28 ވަނަ ދުވަހު ރެކޯޑް އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހިފައިވެއެވެ. އެ ދުވަހު 137 މީހަކަށް ކޯވިޑް-19 ޖެހުނުއިރު އެދުވަހު 92 ދިވެއްސަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ދިވެހިންނަށް އެ ބަލި ޖެހުނު ދުވަހެވެ.

އާއްމު ތަންތަނުގައި މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، ރައްކާތެރިކަމާއެކު މާސްކްއެޅުމާއި ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ ޢުޞޫލެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ އާއްމުކުރައްވާފައެވެ. މި ޢުޞޫލުގައި ޞިއްޙީ ޙިދުމަތްތެރިންނާއި ބަލިމީހުންނާއި ގާތުން މަސައްކަތްކުރާ މީހުން މެޑިކަލް މާސްކް ނުވަތަ ސަރޖިކަލް މާސްކް ބޭނުންކުރުމަށް ވަނީ އަންގަވާފައެވެ. އަދި އެހެން ފަރާތްތަކަށް ފޮތި މާސްކް ބޭނުންކުރެވިދާނެކަން އެޗްޕީއޭއިން ހާމަކުރައްވާފައިވާއިރު، މިގޮތަށް ބޭނުންކުރާ ފޮތި މާސްކް ހުންނަންވީގޮތްވެސް އެޗް.ޕީ.އޭއިން ނެރުނު އުސޫލުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ.