ވިޔަފާރި

ފަތުރުވެރިންނަށް ޙިދުމަތް ދިނުމުގެ ހުއްދަ 22 ސަފާރީއަކަށް


ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ މިހާތަނަށް 22 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ ޖުލައިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ 22 ސަފާރީއަކަށް ޙިދުމަތްދިނުމުގެ ހުއްދަ ދީފައިވާކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރިސޯޓްތަކާއިއެކު ސަފާރީތައްވެސް ހުޅުވާލުމަށް ވަނީ ހުއްދަދީފައެވެ. ނަމަވެސް ހުއްދަ ލިބެނީ ސަރުކާރުން ކަނޑައަޅާ ވަކި މިންގަނޑުތަކަކަށް ފެތޭ ތަންތަނަށްށެވެ.

ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑިކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭންއެއް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަދެނީ މިހުރިހާ ކަންކަމަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

ބޯޓިންގ އެސޯސިއޭޝަނުން ސަފާރީތަކަށް އަންގާފައިވަނީ ޙިދުމަތްދޭން ތާވަލްކުރާ ތާރީހުގެ ކުރިން ހުއްދަ ހޯދުމަށް އެދި ހުށައެޅުމަށެވެ. ސަބަބަކީ ހުއްދަ ހޯދުމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވާތީއެވެ. ޙާއްސަކޮށް މީރާއަށް ދައްކަންޖެހޭ އެއްވެސް ޓެކްސްއެއްވާނަމަ ޓެކްސް ކްލިއަރެންސް ޕޯމު ހޯދުމަށް ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެއްކަމަށް އެ އެސޯސިއޭޝަނުން ވަނީ ސަފާރީތަކަށް އަންގާފައެވެ.

ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ފުރުސަތު މިވަގުތު 22 ތަނަކަށް ލިބިފައިވިޔަސް ރާއްޖޭގައި 100 އަށްވުރެ ގިނަ ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ. ހުއްދަ ލިބިފައިވާ ސަފާރީތަކަށް މަދުން ނަމަވެސް ބުކިންތައް ލިބެމުން އަންނަކަމަށް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ. އަދި މިމަހުގެ ތެރޭގައި ބައެއް ސަފާރީތަކަށް ފަތުރުވެރިންވެސް ވަނީ އައިސްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ޙުއްދަ ނުލިބެނީސް އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ޙިދުމަތްދީގެން ނުވާނެކަމަށްވެސް އެ އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފައެވެ.