ކޯވިޑް-19

އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ނައިބު ރައީސް ބައްލަވާލައްވައިފި


އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ބައްލަވާލައްވައިފިއެވެ.

އިންޑިއާގެ ކޮޗިންގައި ހުންނަ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު އެމަނިކުފާނު ބައްލަވާލައްވާފައިވަނީ، އެ ހޮސްޕިޓަލުގެ އިސް އޮފިޝަލެއް ކަމަށްވާ ބާބޫ މެނަންއާއި މިއަދު ފޯނުން ގުޅުއްވައިގެންނެވެ.

އަމްރީތާ ހޮސްޕިޓަލުގެ ޑިރެކްޓަރ އިންޓަރނޭޝަނަލް ޕޭޝަންޓް ރިލޭޝަންސް، ބާބޫ މެނަންއާއި ފޯނުން ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ މި ދަތި ދަނޑިވަޅުގައިވެސް، ދިވެހި ބަލި މީހުންނަށް ޞިއްޙީ ފަރުވާދިނުމަށް އިންޑިއާއަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދީ، އެ ޤައުމުގައި ޞިއްޙީ ފަރުވާ ހޯދުމުގެ މަގު ފަހިކޮށްދިނުމުގައި އިންޑިއާ ސަރުކާރުން އަދާކުރައްވާފައިވާ ދައުރު ފާހަގަކުރެއްވިއެވެ. އަދި އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންނަށް ދެމުންގެންދާ ޚިދުމަތްތަކަށް އަލިއަޅުއްވައިލައްވާ އެމަނިކުފާނު ވަނީ، ކޯވިޑް-19 އާއި ގުޅިގެން އެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި މެދު ސުވާލު ކުރައްވާފައެވެ.

މީގެ އިތުރުން އެ ކަންކަން ހައްލުކޮށް، ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް އެ ހޮސްޕިޓަލުން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް އެމަނިކުފާނު ވަނީ އޮޅުންފިލުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އަމްރީތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހި ބަލި މީހުންގެ ހާލު ވަކިވަކީން އައްސަވާފައެވެ. އަދި ވަކިން ޚާއްޞަކޮށް، ކޯވިޑް-19 އާއި ގުޅިގެން ކުރިމަތިވި ފުރަބަންދުގެ ހާލަތުގައި ބޭސް ފަރުވާއަށް އެ ހޮސްޕިޓަލަށް ދަތުރުކުރި ދިވެހިންނާއި ގުޅޭ ކަންކަމުގެ މަޢުލޫމާތު އޮޅުންފިލުއްވައި، އެ މީހުންގެ ކަންކަން ވަރަށް ގާތުން ބެލުމަށް ބާބޫ މެނަންގެ ކިބައިން އެމަނިކުފާނު އެދިވެޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ކުރިއަށް އޮތް ތަނުގައިވެސް، އަމްރީތާ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ދިވެހީން ޞިއްޙީ ފަރުވާ ހޯދުމުގައި ޚިޔާރުކުރާނެ ހޮސްޕިޓަލެއްކަން ފާހަގަކުރައްވާ، އެ މީހުންނަށް ބޭނުންވާ ޚިދުމަތްތަކާއި އަޅާލުމާއި އޯގާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި، އެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ ދިވެހީންގެ ހާލު ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގައި ވެސް ބާބޫ މެނަންއާއި ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.